އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ކަނޑުމަގުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ސަރަހައްދު ބެލެހެއްޓުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ސަވައިލެންސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ މަނަވަރާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްތައް، ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. މި އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބަލާފައިވާ ކަމަށެވެ.
އިންޑިއާގެ ނޭވީއާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ އިރު އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ހާއްސަ ތަމްރީނު ޕްރޮގްރާމުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސިފައިންގެ ދެ އޮފިޝަލުންނާއި 12 ސިފައިން ޑައިވް ޓްރެނިންގ ތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.