ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 20:53
ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާ އެ އެސޯސިއޭޝަންގެ ވެރިން ބައްދަލުކުރައްވަނީ
ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާ އެ އެސޯސިއޭޝަންގެ ވެރިން ބައްދަލުކުރައްވަނީ
ފޭސްބުކް
ބެޑްމިންޓަން
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ކޯޗުގެ މަސައްކަތަކީ އައިއޯއައިޖީ އަށް ޓީމު ފައްކާ ކުރުން

ގައުމީ ބެޑްމިންޓަން އިރުޝާދު ދިނުމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފި އެވެ.

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ފާއިތުވި ތިން މަސް ދުވަހު ހިންގި ތަމްރީނުތަކުގެ ނިމުން ފާހަގަ ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ގައުމީ ޓީމަށް އިރުޝާދު ދިނުމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެނައުމަށް ކޮންޓްރެކްޓެއް ހެދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެހެން ކަމުން މި މަހުގެ 13 ވަނަ ދުވަހު ކޯޗު މާލެ އައިސް ޓީމާ ގުޅޭނެ ކަމަށެވެ.

މޫސަ ވިދާޅުވީ އާ ކޯޗުގެ މަސައްކަތަކަށް ވާނީ 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯޖީ) އިން ރާއްޖެއަށް ރަން ވަނައެއް ހޯދުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ. ހަމައެއާއެކު ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި ގައުމީ ޓީމުން ވާދަކުރާ އެކިއެކި މުބާރާތްތަކުގައި ވެސް ކުޅުންތެރިންނަށް އިރުޝާދު ދިނުމަށް ކޯޗު އެހީތެރިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު އޮންނަ އައިއޯޖީ އޮގަސްޓްމަހުގައި ނިމުމަށްފަހު ޖެހިގެން އަންނަ 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް އަށް ކުޅުންތެރިން ތަމްރީނުކުރުމަށް ވެސް މި ކޯޗުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އެހެން ކަމުން އޮލިމްޕިކްސް އަށް ކުޅުންތެރިން ފޮނުވުމަށް އެކްސްކޯއާ މަޝްވަރާކުރުމަށްފަހު ދެ އަންހެން ކުޅުންތެރިންނާއި ދެ ފިރިހެން ކުޅުންތެރިން މިހާރު ޝޯޓް ލިސްޓުކޮށްފައި ވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ޓީމާ އަލަށް ގުޅޭ ކޯޗަކީ އިންޑިއާ އާއި ސިންގަޕޫރުގެ ވަރަށް ގިނަ އެކަޑަމީތަކެއްގައި މަސައްކަތްކޮށްފައި ހުރި ތަޖުރިބާކާރު ހައި ޕާފޯމެންސް ކޯޗެއް ކަމަށާއި އެހެން ކަމުން މި ކޯޗާއެކު ކުޅުންތެރިންނަށް ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މޫސަ ވިދާޅުވީ އެންމެ ފަހުން ބޭއްވިގެންދިޔަ އައިއޯޖީގައި ބެޑްމިންޓަނުން ރާއްޖެއަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވިގެން ދިޔައީ އިންޓަނޭޝަނަލް މެޗް އެކްސްޕީރިއެންސް ނެތުމާއި މެޗުގައި އަންނަ ޕްރެޝާ ހޭންޑަލް ކުރުމުގެ ތަޖުރިބާ ކުޅުންތެރިންގެ ނެތުމުން ކަމަށެވެ. މޫސަ ވިދާޅުވި ގޮތުގައި އިންޑޮނޭޝިޔާގެ ކޯޗު ޓީމާ ހަވާލުމަށްފަހު ބޮޑަށް ކުރިއަށް ގެންދެވޭނީ މިހުރިހާ ކަމެއް ހައްލުކޮށް ކުޅުންތެރިން މުބާރާތްތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރަށް އަމާޒުކޮށްގެން ގައުމީ ޓީމެއް އެކުލަވާލުމަށް ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފަ އެވެ.

އެގޮތުން މެލޭޝިޔާގެ ހައި ޕާފޯމާ ޓްރެއިނަރާކާ އެކު ހިންގި މި ތަމްރީނު ޕްރޮގްރާމުގައި 22 ކުޅުންތެރިއަކު ވަނީ ގައުމީ ބެޑްމިންޓަން ޓީމަށް ޝޯޓް ލިސްޓުކޮށްފަ އެވެ. މީގެ ތެރޭގައި 12 އަންހެން ކުޅުންތެރިންނާއި 10 ފިރިހެން ކުޅުންތެރިން ހިމެނެ އެވެ.

- ކޮމެންޓް