އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްފަޒުންނަށް ދެމުން އަންނަ އުމްރާ ދަތުރު ތަކުގެ ތެރެއިން މިފަހަރުގެ އުމްރާ ދަތުރު ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް އާމިނަތު ރީޝާއަށް ލިބިއްޖެއެވެ.
ރީޝާއާއި އެކު މި އުމްރާ ދަތުރުގައި އޭނާގެ ފިރިމީހާ، ރާއްޖެޓިވީގެ ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދުވެސް ދާނެއެވެ. އުމްރާ ދަތުރު ހަވާލުކުރުމަށް ރާއްޖެޓީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި އަލް އައިނު ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ރަޝީދު ވިދާޅުވީ، ރާއްޖެޓީވީއަށް މިދިން ފުރުސަތުގެ ދަށުން ކޮންމެ އަހަރު ދެ އުމްރާ ދަތުރު ހިލޭ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ އުމްރާ އާއި މާރޗު މަހު ނުވަތަ ޑިސެމްބަރު މަހުގެ އުމްރާއިން ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" ކޮންމެ އަަހަރަކު ވެސް ދެ ޖާގަ ރާއްޖެޓީވީގެ މުވައްޒަފުންނަށް ލިބިގެންދާނެ. މިއީ ރާއްޖެޓީވީއާ އަލް އައިނާ މެދުގައި އޮތް ގާތްގުޅުމުގެ ސަބަބުން ކުރަން ނިންމާފައިވާ ކަމެއް،" ޝައިޚް ހުސައިން ރަޝީދު ވިދާޅުވި އެވެ.
ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމް ވިދާޅުވީ، އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްޒަފުންނަށް އުމްރާގެ މަތިވެރި އަޅުކަމަށް މިފަދަ ފުރުސަތަކެއް ދެމުން ގެންދާކަމީ ލިބޭ ވަަރަށް މަތިވެރި އުފަލެއްކަމަށެވެ. އަދި އެކަމަށްޓަކައި އަލް އައިން ކުންފުންޏަށް ރާއްޖެޓީވީން އަބަދުވެސް ޝުކުރުވެރިވާނެކަމަށް އަހުމަދު ސަލީމް ވިދާޅުވިއެވެ. އުމްރާ މިފަހަރުގެ ދަތުރުގައި ރީޝާއާއި ހުޝާމް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރުގެ މަހުގެ ތެރޭގައެވެ.