ކްރިމިނަލް ކޯޓުން އިއްވި ހުކުމަކާ ބެހޭ ގޮތުން ގާނޫނީ ވަކީލު ހިސާން ހުސެއިން މީޑިޔާއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހޯމަ ދުވަހުގެ ހެނދުނު 10:00ގައިއެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން މީޑިޔާއަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން އޭނާއާ ވަނީ ސުވާލުކޮށް ބަޔާނެއް ނަގާފަ އެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން ހިސާން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިސާން ކޯޓަށް ހާޒިރުކުރުމަކީ ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކަށް ދެވޭ "ހަމަލާއެއް" ކަމަށްވެސް އެމަނިކުފާނުގެ އެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ޙަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ހުކުމް ކުރިފަހުން ކޯޓުން ނިކުންނަވާ ހިސާން އިންޓަވިއު ދެއްވާފައިވަނީ ހަމައެކަނި ރާއްޖެ ޓީވީއަށެވެ.
ހިސާނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމްގެ އިތުރުން ރައީސް ނަޝީދުގެ ވެސް ގާނޫނީ ވަކީލެވެ. ކްރިމިނަލް ކޯޓުން ވަނީ ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ދެއްކެވި ވާހަކަ އަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލު ހުސްނުއްސުއޫދުވެސް މީގެ ކުރިން ސަސްޕެންޑްކޮށްފަ އެވެ.