ސަރުކާރުން ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވައިފި އެވެ.
ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަށް އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލުތައް ހުއްޓުވީ އާދިއްތަ ދުވަހު ފުލުހުންނަށް "އެއްބާރުލުން" ނެއްދެވި ކަމަށް ބުނެ ކަމަށެވެ. އާދީއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށް ރައީސް މައުމޫނަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީވެ އެވެ.
Despite doctors confirming his worsening health condition, @PoliceMv have arbitrarily restricted Pres. @maumoonagayoom family contacts & visits because of his "non-cooperation" by being too ill to attend court yesterday.
— Maumoon Hameed (@maanhameed) May 14, 2018
Evidently it is now a punishable offence to fall ill.
ރައީސް މައުމޫން ފުލުހުންނަށް އެއްބާރުލުން ނުދިން ކަމަށް ބުނެ ހައްގުތައް އުނިކުރުމާ ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޖަލުގައި ހައްޔަރުކޮށްފައިވާ މީހަކު ބަލިވުމަކީ އަދަބު ދޭންޖެހޭ ކަމެއްކަން އެނގިގެން ހިނގެއްޖެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ތާވަލް ކޮށްފައި އޮތީ ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ. އާދިއްތަ ދުވަހުގެ 15:00 އަށް ތާވަލް ކޮށްފައި އޮތް އެއަޑުއެހުމަށް ރައީސް މައުމޫން ހާޒިރު ނުކުރެވިގެންވަނީ ކެންސަލުކޮށްފަ އެވެ.
މިދިއަ ހުކުރު ދުވަހު ރައީސް މައުމޫން އޭޑީކޭއަށް ގެނެސް ޓެސްޓްތަކެއް ހަދާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ އަނބިކަނބަލުން ނަސްރީނާ ވަނީ ދޫނިދޫއަށް ވެސް ވަޑައިގެންފައެވެ. އެގޮތުން ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެފައިވަނީ އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ގެ ސަބަބުންނެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.
ޑޮކްޓަރު ވިދާޅުވެފައި ވަނީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް އަނބުރައިގަންނަ ކަމަށާއި، ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ.
ހާލުކޮޅު ގޯސްވުމުގެ ސަބަބުން ރައީސް މައުމޫނަށް ކުރާ ބައެއް ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ވެސް ކެންސަލުކޮށްފައިވެއެވެ.