ރާއްޖޭގައި އެޗްއައިވީ އާއި ޓީބީ ޖެހިފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޓީބީ އާއި އެޗްއައިވީ ފަދަ ބޮޑެތި ބަލިތައް ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސާރކް ސަރަޙައްދު ޤައުމުތަކުގެ މެދުގައި ކުރިއަށް ގެންދާ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި، ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެޗްއައިވީ އާއި ޓީބީ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ސާކް ގައުމުތަކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ސަރަހައްދީ ގައުމުތަކުގެ ދައުރު މުހިއްމު ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ 2022 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ގައުމީ ސްޓްރެޓެޖިކް ޕްލޭނެއް އިފްތިތާޙްކޮށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، ރާއްޖެއިން އެޗްއައިވީ ނައްތާލުމަށް އެކުލަވާލެވުނު ލަނޑުދަނޑިތަކަކާއެކު، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި 15 ދުވަހަށް ކުރިއަށްދާ މިބައްދަލުވުމުގައި ސާރކް ސަރަޙައްދު ގައުމުތަކުގެ މެދުގައި ޓީބީ އާއި އެޗްއައިވީ ކޮންޓްރޯލް ކުރާނެ ގޮތްތަކާ، ދޭދޭ ޤައުމުތަކުގައި ބަލިތައް ފެތުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މިބައްދަވުމަކީ ސާރކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. އެގޮތުން މިދިޔަ އަހަރު މި ބައްދަލުވުން ބާއްވާފައިވަނީ ބޫޓާންގައެވެ.