މިނިވަން އިންސާފުވެރި އިންތިހާބަކަށް، ސަރުކާރުން މެމްބަރުންނަށްކުރާ ފުރައްސާރަ ހުއްޓާލަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކޯޓަށް ހާޒިރުވުމަށް އަންގާފޮނުވި ޗިޓާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަސްލަމްއަކީ އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕޭން މެނޭޖަރު ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރުކުރަމުންގެންދާ ފުރައްސާރަ ހުއްޓާލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
MDP MP @aslamdp, my recently appointed Presidential primary campaign manager, has been summoned to the criminal court. The ongoing political persecution of opposition members must stop in order for free and fair elections to take place.
— Mohamed Nasheed (@MohamedNasheed) May 13, 2018
އަސްލަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ވަނީ ޗިޓް ފޮނުވާފަ އެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެ މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނެ އެވެ. އެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވެއެވެ. އިދިކޮޅު 12 މެމްބަރުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.