ރައީސް އަބްދުﷲ ޔާމީން ހޮވަން ނުޖެހޭ ސަބަބުތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭކަމަށާއި، އެންމެ ދުވަހަކު ކެމްޕޭން ނުކުރިނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެނޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮރް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިންތިހާބެއް ބާއްވައިފިނަމަ ރައީސް އަބްދުﷲ ޔާމީން ބަލިވާނެކަމަށެވެ. އަދި ހިނގާ ހުރިހާ ކަންކަމަކީ ރައީސް ޔާމީން ހޮވަންނުޖެހޭ ސަބަބުތައް ކަމަށާއި، އެކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ދެކޭގޮތް ވަރަށް ސާފުކޮށް އިދިކޮޅު ފަރާތްތަކަށް އެނގޭކަމަށެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް އިދިކޮޅު ފަރާތްތަކަށް އެނގޭކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމީންއަށް އެފަދަކަމެއް އެނގިވަޑައިނުގަންނަވާއިރު، އެމަނިކުފާނަށް އެއްވެސް ތާއީދެއްވެސް ނެތްކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"މީހަކު އަތުނުޖެހުނިއްޔާ އެ މީހާގެ އަނބިން ނުވަތަ ދަރިންވެސް ޖަލަށްލަނީ. އެހެންވީމައި، މިވަރުގެ ނުލަފާ އަނިޔާވެރިޔަކަށް ދޭތެރޭގައި، މީނައާ ދެކޮޅަށް ވޯޓުލާކަށް ހަޤީޤަތުގައި މާބޮޑު ކެމްޕޭނެއް ކުރާކަށްވެސް ނުޖެހޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލުމަށް ކުރެވެން ހުރި ހުރިހާކަމެއް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ކުރާނެކަން ފާހަގަކޮށް ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އައިޑީ ކާޑުތައް އުފެއްދުމާއި، އިތުރަށް ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ. އަދި އެކަކު ތިން ހަތަރު ފޮއްޓަށް ވޯޓުލުމާއި، ރަޖިސްޓްރޭޝަން ކަންތައްވެސް އޮޅުވާލާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. ނަމަވެސް ރައްޔިތުން އެކަތި ގަނޑެއްގެ ގޮތުގައި ތިބިކަމަށްވާނަމަ މެލޭޝިޔާއިން ފެނިގެންދިޔަ ނަތީޖާ ރާއްޖެއިންވެސް ފެނިގެންދާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ޝައްކުކުރެވޭ އިތުރު ކަރުދާސްތައް ފެނިގެންދާނެކަމަށްވެސް. މިގޮތަށް ބައިވަރު ބައިވަރު ކަންތައްތައް އެބަހުރި އަޅުގަނޑުމެން ކުރިއަށް މި އޮތް އިންތިހާބުގެ ތެރޭގައިވާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. އެހެންނަމަވެސް އެ ހުރިހާ ކަމަކާއި އެކުގައިވެސް ބޮޑު އަދަދަކުން ބަލިކޮށްލެވިއްޖެކަމަށްވަންޏާމު މީކީ އުނދަގޫކަމެއް ނޫން"