މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް އެންމެފަހުން އައްޔަންކުރެއްވި ހެންވޭރު ރަންގަލި، ޙަމްދީ ޢަޤީލް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް، ހެންވޭރު ރަންގަލި، ޙަމްދީ ޢަޤީލް ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.
ހަމްދީ އެމްއާރުޑީސީއަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. މިހާރު ސަރުކާރުން ދަނީ އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލުގެ ކޮއްކޮ ހަމްދީއަކީ މީގެ ކުރިން ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ ގޭހުގައި އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.