ބ. އަތޮޅު ދޮންފަނުގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މިމިސްކިތް ހުޅުއްވައި ދެއްވީ މިއަދު މެންދުރު ނަމާދުގެ ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް އިބްރާހިމް އަހުމަދު އަދި އަލްއުސްތާޛު އަބްދުލް ޣަފޫރު އަހުމަދެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ބިނާ ކުރި މަސްޖިދުލް ހިދާޔަތު މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެއް ކަމަށެވެ.
މީގެ އިތުރަށް މިއަދު ބ. ކިހާދުގައި އަލަށް އިމާރާތްކުރި މަސްޖިދުލް ތަޢާވުން މިސްކިތް ވެސް ވަނީ ހުޅުވައިދެއްވާފައެވެ. އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެ އިތުރަށް މާދަމާ ރ. ރަސްގަތީމުގައި އަލަށް އިމާރާތްކޮށްފައިވާ މަސްޖިދުލް މާލިކު ހުޅުވުމަށް ވެސް ވަނީ ނިންމާފައެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރަތް ކުރި މިމިސްކިތަކީ ވެސް 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.