ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 35 ވަނަ އަހަރީ އާންމު ޖަލްސާ، ހޮޓެލް ޖެންގައި މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިރޭ 8:30 ގައި އޮންނަ މި ޖަލްސާގައި އެ ކުންފުނީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި 2017 ވަނަ އަހަރުގެ ބެލެންސް ޝީޓް ފާސްކުރުމާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރާނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން މި ޖަލްސާގައި އޮންނާނެއެވެ.
މީގެ އިތުރުން އެ ބޭންކުން ބުނި ގޮތުގައި 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންނެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައިވާނީ މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބޭންކްގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ.