ފަގީރުންގެ ދަފުތަރުގައި މިފަހަރު ރަޖިސްޓްރީކުރަަންޖެހޭ އުސޫލާމެދު ޝަކުވާ ބޮޑުވެއްޖެ އެވެ.
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ބައެއް ފަރާތްތަކުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީވުމަށް ހަތަރު ބޭންކުގައި، ބޭންކު އެކައުންޓެއް އޮތްނަމަ އެ ކައުންޓްގެ ސްޓޭމަންޓަކާއި އެއްވެސް ބޭންކެއްގައި އެކައުންޓެއް ނެތްނަމަ ބޭންކް އެކައުންޓެއް ނެތްކަމުގެ ލިޔުމެއް އެ ހަތަރު ބޭންކުން ހުށަހަޅަންޖެހެ އެވެ. އެއީ ނިކަމެތި ފަގީރުންނަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ބޭންކުން ސިޓީއެއް ނުވަތަ ބޭންކްގެ ސްޓޭޓްމަންޓެއް ހޯދުމަކީވެސް މިހާރު އެހާ ފަސޭހަ ކަމަކަށް ނުވާތީ، އެކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ކުރި ނަމަވެސް އެކަމަށް ހައްލެއް ގެނެސްދީފައި ނުވާކަމަށް ބައެއް މީހުން ބުންޏެވެ.
ބައެއް ފަރާތްތަކުން ބުނީ އެމީހުން އުޅެންޖެހިފައިވާ ނިކަމެތި ހާލަތުގެ ސަބަބުން ބޭންކް ފަދަ ތަންތަނަށް ގޮސް އެފަދަ ލިޔެކިޔުންތައް ހޯދުމަކީ އެހާ ފަސޭހަކަމަށް ނުވާކަމަށެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު އަހްސަން ވިދާޅުވީ ބޭންކު ސްޓޭޓްމަންޓް، ނުވަތަ ބޭންކު އެކައުންޓެއް ނެތްނަމަ އެކަން އަންގައިދޭ ލިޔުމެއް ބޭނުންވާނެ ކަމަށެވެ. އަދި އެއީ މިއަހަރު އަލަށް ހަމަޖައްސާފައިވާ އުސޫލެއް ނޫން ކަމަށާއި އެއީ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުކަމަށް އޭނާ ވިދާޅުވި އެވެ.
އަހްސަން ވިދާޅުވީ ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކު އެކައުންޓެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭ މައިގަނޑު ބޭނުމަކީ އެއީ ފަގީރުންކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެފުސަތު ހުޅުވާލަ އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ 12:00 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެއިއުލާނުގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރު ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތްތެއްނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެފަރާތްތައް މިއަހަރުގެ ފަގީރުންގެ ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.