ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާދީއްތަ ދުވަހު ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
އަދީއްތަ ދުވަހު 10:00 އަށް އަލީ ހުސެއިން ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައާއި ގުޅިގެނެވެ. މި މައްސަލައާއި ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
އެހެންނަމަވެސް ބުރާސްފަތި ދުވަހު އަލީ ހުސެއިން މި މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާއިރު، ދެން ތިބި 11 މެމްބަރުންނަން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވިކަމެއް ނޭނގެއެވެ.
އަލީ ހުސެއިން ކޯޓަށް ހާޒިރުކުރަނީ ދައުލަތުން ކުރާ ގާނޫނޫ ތަންފީޒުކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމަށެވެ.
މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަތްކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެމްބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.
މެންބަރުން ވިދާޅުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވެންނެވުން އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެމްބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ގަދަކަމުން ނެެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.