މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ހއ. ދިއްދޫގައި ބޭއްވުމަށް ނިންމައިފިއެވެ.
އެ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 9:00 ގައި ދިއްދޫ ސްޓޭޖު ސަރައްދުގައެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ފަށާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާއަކުންނެވެ.
ސްރީލަންކާގެ ކޮލަންބޯގައި ހުންނަވައިގެން، ރައީސް ނަޝީދު ދެއްވި ހިތާބަކާއެކު ޕްރައިމަރީ ކެމްޕެއިން އައްޑޫ ސިޓީން ފަށަފައިވާއިރު، ރާއްޖޭގެ އެކިއެކި ރަށްތަކުގެ އެމްޑީޕީ މެމްބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމަނިކުފާނު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ސްކައިޕް މެދިވެރިކޮށް، މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް މިއަދުވެސް އެމަނިކުފާނު ވަނީ ގުޅުއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ޕާޓީގެ އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް ބައިއަތު ހިއްޕަވާފައެވެ.