ބުލްބުލާގޭގައި ދިރިއުޅޭ ޝިޔާޒު އަބްދުﷲ ހާދީ "ރާއްޖެއެމްވީ"އަށް ބުނީ އެ ގޭގައި ފޯދިފައިވާ ކަދުރު ރުކަކީ އޭނާގެ ބައްޕަ އެއްލި އޮށަކުން ފެޅި ރުކެއް ކަމަށެވެ. ބައްޕަ ނިޔާވީ އެ ރުއް ފޯދުނު ފަހުން ކަމަށާއި ކޮންމެ އަހަރަކު ތިން ފަހަރެއްގެ މަތިން އެ ރުކުން ކަދުރު ލިބޭ ކަމަށް އޭނާ ބުންޏެވެ.
ޝިޔާޒު ބުނީ ކަދުރު އަޅާ ކޮންމެ ފަހަރަކު، 12 ކިލޯއެއްހާ ކަދުރު ލިބޭ ކަމަށެވެ. އެގޮތަށް ކަދުރު އަޅާތާ ހަތް ވަރަކަށް އަހަރުވެދާނެ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ފޮނި. ރާއްޖެއިން ބޭރުން މި ގެންނަ ގަދުރުން ދޭ ރަހަ ދެނީ. އެއްވެސް ތަފާތެއް ނެތް،" ޝިޔާޒު ބުންޏެވެ.
"ކަދުރު ބަހަނީ. އެކުވެރިންނާއި އާއިލާގެ މީހުންނަށް ބަހާ ހުސްކޮށްލަނީ. މިފަހަރު ވެސް ކަދުރު އަޅާފަ އެބަ ހުރި، އަދި ހަރެއް ނުވޭ."
ފަނަރަ ވަރަކަށް ފޫޓުގެ އެ ރުކުގައި އަޅާ ކަދުރުގައި އޮށެއް ވެސް ނުހުރެ އެވެ. ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ވަރަށް ނާދިރު ކަމެކެވެ. އެފަދަ ރުއްތަކުގެ ކަދުރުގެ ފޮނި ރަަހަ ކުޑަވާނެއެވެ. އެފަދަ ކަދުރު ރުއް އުފެދެނީ ގުދުރަތީ ނާދިރު ކަމެއްގެ ތެރެއިން ކަމަށާއި ބައެއް ފަހަރު އޮއް ނުހުންނަ ގޮތަށް ބައެއް ގަސްތަކުގައި، ގަހުގެ މާހިރުން މޭވާ އަޅުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ފަސޭހައިން ކަދުރު ގަސް ހެއްދުނަސް، އެ ރުއްތަކުގައި ކަދުރު އެޅުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެގޮތުން ހދ. ހަނިމާދޫ އާއި "ދިވެހިރާއްޖޭގެ އަޑު"ގެ ގޯތި ތެރޭގައި ހުންނަ ރުކެއްގައި ވެސް ކަދުރު އަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވި ގޮތުގައި ކަދުރު ރުއް ރާއްޖޭގައި ހެއްދޭނީ ކަދުރު އަންހެން ރުއްތަކަކާއި ފިރިހެން ރުއްތަކެއް އެއް ސަރަހައްދެއްގައި ހައްދައިގެންނެވެ. ކަދުރު ރުކަކީ ރާއްޖޭގެ ބިންގަޑާއި މޫސުމާ ގުޅޭ ރުކެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް ކަދުރު ރާއްޖޭގައި ހެއްދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަނގަޅު ބާވަތެއްގެ ކަދުރުގެ އަންހެން ރުއްތަކަކާއި ފިރިހެން ރުއްތަކެއް، ރަނގަޅު މުޑުވަކަކުން ކްލޯންކޮށްގެން ރާއްޖެ ގެނެސް، އެކަށީގެންވާ ބޮޑު ސަރަޙައްދެއްގައި ރުވާލެވިދާނެ ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.