ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާއަކީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް އާއިލާއިން ވާރުތަވީ ފައިސާއެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ދޫކުރަން ޖެހޭ ފައިސާ ދޫކުރަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް، އެފައިސާ ނުދޭ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވަނިކޮށް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފައިސާއަކީ އެތައް ހާސް ރައްޔިތުންގެ ހައްޤު މިލްކެއްކަމަށެވެ.
Siyaasee Party thakah dheynjehey faisaa akee Munawwar ah aailaa in vaaruthavee faisaa eh noon! E ee ethah haas Dhivehi Rayyithunge haqqu milkeh. E Faisaa ah khiyanaiytherive thiyahen abadhu hurevidhaane kamah heenukuraathi! pic.twitter.com/uj6lgAQXXB
— Hassan Latheef (@HassanLatheef) May 11, 2018
އަދި އެފައިސާއަށް ޚިޔާނާތްތެރިވެ، އަބަދު ހުންނެވޭނެ ކަމަށް މިނިސްޓަރ މުނައްވަރު ހީފުޅު ނުކުރެއްވުމަށް ހަސަން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ހަމަޔަށް ދޫނުކޮށްގެން އުޅެނީ ފިނޭންސް މިނިސްޓްރީއިން ފައިސާ ނުދޭ ކަމަށް ބުނެއެވެ. އެންމެ ފުރަތަމަ ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް ފޮނުވިއިރު އިލެކްޝަންސް ކޮމިޝަނުން، އޮޑިޓް ރިޕޯޓް ހުށަނާޅާ ކަމަށް ބުނެ އެމްޑީޕީއަށް ދޭން ޖެހޭ ފައިސާ ހޯދަން ފޮނުވާފައެއް ނުވެއެވެ. އޭރު ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތު ހަމައެއް ނުވެއެވެ. އެހެން ނަމަވެސް އެމްޑީޕީއިން ފަހުން އޮޑިޓް ރިޕޯޓް ހުށަހެޅިއެވެ.
އިލެކްޝަންސްގެ ދަފްތަރުގައި އެމްޑީޕީގެ 29،759 މެމްބަރުން ތިބުމުން އެޕާޓީއަށް މިއަހަރު 7.5 މިލިއަން ލިބެން ޖެހެއެވެ.