ސިޔާސީ ނުފޫޒުން ކޮށްފައިވާ ޝަރީއަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރީއަތަކުން ޚުކުމްކޮށް، ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރަށް ލޮލުގެ ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ދެވަނަ ޑޮކްޓަރަކު ލަފާ ދެއްވައިފިއެވެ.
އާއިލާއިން އެކިފަހަރުމަތިން އެދުމުންނާއި ޙުދު އަދީބު އެކި ފަހަރުމަތިން ޝަކުވާ ފޯމު ހުށަހެޅުއްވުމުން، އަދީބު މިހާރު ބަންދުގައި ބަހައްޓާފައިވާ ދޫނިދޫއަށް ލޮލުގެ ޑޮކްޓަރަކު ގެންގޮސް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އަދީބުގެ ލޮލުގެ ހާލަތު ބެއްލެވުމަށްފަހު ދެވަނަ ޑޮކްޓަރުވެސް ގްލުކޯމާ ސްޕެޝިލިސްޓަކަށް ދެއްކުމަށްޓަކައި ރާއްޖެއިން ބޭރަށް އަދީބު ގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ.
Adeebs eyesight is rapidly deterioratin n after many requests an eye doctor has visited dhoonidhoo & refered Adeeb to leave 4 abroad asap & consult a glaucoma specialist. This is da 2nd doctor who referred da same. There’s no ground 4 MCS to hinder Adeeb’s travel abroad 4 medical
— Nash (@maryam_nashwa) May 11, 2018
އަދީބް ދެވަނަ ޑޮކްޓަރަކަށް ދައްކާފައި މިވަނީ، އެމަނިކުފާނުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދީގެން، އެމަނިކުފާނު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަގައި، ބޭރަސް ދިއުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އެމަނިކުފާނުގެ ފަރާތުން ފުރިހަމަކޮށްފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުރިހަމަ ނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ބޭނުންވާ ދެވަނަ ޑޮކްޓަރެއްގެ ލަފާ ހޯދާފައި ނުވާތީއެވެ. ނަމަވެސް އަދީބަކީ ޤައިދީއެއް ކަމުން އެ ލަފާ ހޯދައިދިނުމަކީ ކަރެކްޝަންސް އަހުތިޔާރުގައި އޮންނަ އެ ސަރވިސްގެ ޒިންމާއެކެވެ.
އޭރު ކަރެކްޝަންސްއިން އަދީބު ދެވަނަ ޑޮކްޓަރަކަށް ދެއްކުން ލަސްކުރަމުންދިޔައީ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ނުލިބޭ ކަމަށް ބުނެއެވެ.
އަދީބުގެ ލޮލަށް ގްލުކޯމާ ކިޔާ ނުރައްކާތެރި ބައެއް ޖެހިފައިވާއިރު، ލޮލުގެ އަރިމަތިން ވަރަށް ބޮޑަށް އަނދިރިވާން ފަށާފައިވާކަން އެމަނިކުފާނާއި ހަވާލާދީ އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ.
ދެވަނަ ޑޮކްޓަރެއްގެ ލަފާ ލިބުމާއިއެކު، ފަރުވާ ހޯދުމަށް ރާއްޖެއިން ބެރަށް ވަޑައިގަތުމަށް އަދީބަށް މިހާރު ޤާނޫނީ ގޮތުން ހުރަހެއް ނެތް ނަމަވެސް ސަރުކާރުން ދަނީ އެމަނިކުފާނުގެ ފަރުވާއަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ކޯޓަކުން ދައުލަތަށް އަދީބު ދައްކަން ޖެހޭ ކަމަށް ޙުކުމެއް ކޮށްފައިނުވާ ޚިޔާލީ އަދަދަކަށް ސަރުކާރަށް ފައިސާ ނުދެނިސް އަދީބަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ސަރުކާރުގެ އެކިއެކި ވެރިންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.