ޑެންގީ ހުން ޖެހިގެން ތުއްތު ކުއްޖަކަށް އައިޖީއެމް ހޮސްޕިޓަލްގެ އެންއަސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑޮކްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުއްތު ކުއްޖާއަށް ޑެންގީ ޖެހުމުގެ ސަބަބުން މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް ދުއާ ކޮށްދިނުމަށް ޑޮކްޓަރ އެދިލެއްވިއެވެ.
އަލަށް އުފަންވި ކުއްޖަކަށް ޑެންގީ ޖެހިގެން ހާލު ދެރަވެގެން މާލެގެނެސް އައިސީޔޫގާ މިދަނީ ފަރުވާދެމުން. ދުޢާ ކޮށްދެއްވުން އެދެން.
— Ahmed Faisal (@FaisalIGMH) May 11, 2018
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ގެނެސްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އޭރު ކުއްޖާއަށް އުމުރުން ފަސް ދުވަސް ކަމަށެވެ. އަދި ކުއްޖާއަށް ޑެންގީ ޖެހިފައިވަނީ މަންމަގެ ބަޑުގައި އޮތް އިރުގައެވެ.
އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހާލަތު ރަގަޅުވުމުން އައި ނަމަވެސް އަދި މިހާތަނަށް އެކުއްޖާ އެންއައިސީޔޫއިން ޑިސްޗާޖް ކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިދުވަސްވަރު ދަނީ ޑެންގޫ ހުން ފެތުރެމުންނެވެ. މި ހުމަކީ ވަކި ވައްތަރެއްގެ މަދިރިއެއް ފަތުރާ ބައްޔަކަށް ވުމުން، ބަލިން ރައްކާތެރިވުމަށް، ގެޔާއި ގޯތިތެރޭގައި ފެންހަރުލާފައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާކުރެވޭ ފަދަ އަންނައުނު ލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.