ޖުމްހޫރީ ޕާޓީއަކީ ހައްގުތައް ނަގަހައްޓައިދޭ ޕާޓީއެއް ކަމަށް އެޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މެންބަރުން އިތުރުކުރުމަށް ޖުމްހޫރީ ޕާޓީން ބުރާސްފަތި ދުވަހުގެ ރޭ ފެށި "ހޭވައްލާ ޖޭޕީ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އިޖްތިމާއި، އިގްތިސާދީ އަދި ސިޔާސީ ހައްގުތައް ނަގަހައްޓައިދޭ ޕާޓީއެއް ކަމަށެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލެފައިވާ ޕާޓީއެއް ކަމަށާއި، އެންމެނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ލިބޭ ޕާޓީއެއް ކަމަށެވެ. އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ އެންމެނަށް ވެސް އެފުރުސަތު ޖުމްހޫރީ ޕާޓީގެ ތެރެއިން ލިބޭނެ ކަމަށެވެ.
"ޖޭޕީއަކީ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނާއި ޒުވާނުންނާއި ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ހުރިހާ ވައްތަރަކަށް ފުރުސަތު ހުޅުވާލާފައިވާ ޕާޓީއެއް" ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ އެކިދާއިރާތަކުން ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ޒުވާނުން ބާރުވެރިކޮށް އެމީހުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވާ މުޖުތަމައުއަށް ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހީމް މިވަގުތު ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ކައިރީގައި ނެތް ނަމަވެސް އެމަނިކުފާނު ހުންނެވީ ޖޭޕީއާއި ދިވެހި ރައްޔިތުންނާ ދުރުގައި ނޫންކަން ފާހަގަކުރައްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ކުރިއަށް ގެންދާ ހުރިހާ ކަމެއް ކުރަމުންދަނީ އެމަނިކުފާނުގެ އިރުޝާދާއި، ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ލިބިވަޑެއިގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި، އެކުގައި މަސައްކަތް ކުރާ ޕާޓީތަކުގެ ގިނަ ބޭފުޅުންތަކަކަށް މިވަގުތު ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެފައިވީ ނަމަވެސް އުއްމީދަކީ ވަރަށް އަވަހަށް އެބޭފުޅުން މިނިވަންވެ އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބުން ކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.