މިފެނުނީ ފާއިތުވެ ދިޔަ ތަނުގައި ނުވަތަ ގެނެވުނު ސަރުކާރު ތަކުން ދިވެހިރާއްޖޭގެ މުސްތަގުބަލު ވަގަށް ނަގާފައިވާ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ހޭވައްލާގެ ނަމުގައި ޖުމްހޫރީޕާޓީން ކުނޫޒުގައި ކުރިޔަށް ގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މިޤައުމުގެ ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރައިފި ކަމަށާއި ގައުމުގެ މުސްތަގުބަލާއި މެދު ވިސްނާއިރު ހުރީ ވިސްނާލަންޖެހޭ ކަންތައްތަކެއްކަމަށެވެ. "ރާއްޖޭގެ ގިނަ ރަށްރަށުގައި އަދިވެސް ހުރީ ނަރުދަމާ ނޭޅި. ފެނުގެ ޚިދުމަތެއް ނެތް. އަޅުގަނޑުމެންގެ މުސްތަޤުބަލާއި މެދު އަޅުގަނޑުމެން ވިސްނާއިރުގައި ހުރީ ފުންކޮށް ވިސްނަންޖެހޭ ކަންތައްތައް." އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޚިޔާލު ތަފާތު ވުމުގެ ސަބަބުން އެޕާޓީއެއްގައި މަސައްކަތް ކުރެވޭނެ ހަމައެކަނި ޕާޓީ އަކީ ޖޭޕީ ކަމަށެވެ. އެހެން ކަމުން އެޕާޓީއާއި ދޭތެރޭ ރައްޔިތުންގެ ހިތުގައި އޮތް ލޯބި އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
މިފަހަރަކީ ޖުމްހޫރީޕާޓީގެ ފަހަރު ކަމަށާއި 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ރައްޔިތުން އިންތިޚާބު ކުރި ސަރުކާރުތަކާއި އެކު ގިނަ ތަޖުރިބާތަކެއް ކޮށްފި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.