ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 17:12
އައިހެވަން މަޝްރޫއުގެ ކުރެހުމެއް
އައިހެވަން މަޝްރޫއުގެ ކުރެހުމެއް
ގޫގުލް
އައިހެވަން
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
އައިހެވަން މަޝްރޫއުގެ ބިންހިއްކުން 2016 ގައި ފަށާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވޭ
އައިހެވަން މަޝްރޫއު 2015 ގައި ފަށާނެ ކަމަށް އަދީބު ވިދާޅުވެފައިވޭ

މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންގެ އިތުރުން ހއ. އާއި ހދ. އަތޮޅުގެ ހުރިހާ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރު، އައިހެވަންގެ މަސައްކަތް ފެށުމުގެ ގޮތުން ބިންހިއްކުމުގެ މަސައްކަތް 2016 ވަނަ އަހަރު ތެރޭގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، 2016 އަށް އަލްވަދާއު ކިޔަން ޖެހުނު އިރުވެސް އައިހެވަންގެ ހިލަމެއް ވެސް ނެތެވެ.

ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އައިވެންގެ މަޝްރޫއުގެ ވާހަކަ އަޑުނީވެނީ އެ މަޝްރޫއު ސަރުކާރުން ހުއްޓާލަފައިވާތީ ނޫން ކަމަށާއި އެމަޝްރޫއު ލަސްވެގެންދަނީ ބައެއް ކަންކަން ހަމަނުޖެހިގެން ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އައިހެވަން މަސައްކަތުގެ ބިން ހިއްކުން ލަސްވެގެން އުޅެނީ ބިން ހިއްކުމަށް ބޭރުގެ ފަރާތަކަށް ނުދީ އެމްޓީސީސީއަށް އެ ގާބިލްކަން ހޯދައިދީގެން އެކަން ކުރުމަށް ކަމަށެވެ.

“އައިހެވަންގެ މަސްރޫއާއި ދޭތެރޭ އަޅުގަނޑު ކުރާ އުންމީދު ތަކުގެ ވާހަކަ ދަންނަވާލާނަން. މި މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ވާނެ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަމަލީ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ފަށާނަން. މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،” ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އައިހެވަން މަޝްރޫއަކީ 4.5 ބިލިއަނަށް ވުރެ ކުޑަ ނޫން މަޝްރޫއެއް ކަމަށާއި އެއްފަހަރާ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ވާނޭ ކަމެއް ނޫން ކަމަށެވެ. އެމްޓީސީސީއިން ގެންނަ ޑްރެޖަރުން ފުރަތަމަ ކުރާ މަސައްކަތްތަކުގެ ތެރޭގައި އައިހެވަންގެ ބިން ހިއްކުން ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެމްޓީސީސީ އަށް ޑްރެޖަރެއް ގެންނަ ވާހަކައެއް އެ ކުންފުނިން ދެއްކީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޑްރެޖަރުން ދެދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހެކްޓަރެއްގެ ބިން ހިއްކާލެވޭ ވަރުގެ ގާބިލުކަން ލިބިގެންވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 36 މިލިއަން ޑޮލަރުގެ ހޮޕާ ސަކްޝަން ޑްރެޖަރާ ގުޅޭ ގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރުގައި އެ ކުންފުނިން ބުނީ "މަހާ ޖައްރާފު"ގެ ނަން ދީފައިވާ ޑްރެޖަރު ބަނުމުގެ މަސައްކަތް ޗައިނާގައި މިހާރު ކުރިއަށްދާ ކަމަށެެވެ. ޑްރެޖަރު ގެނެވޭނީ ފެބްރުއަރީ ނުވަތަ މާޗް މަހުގެ ތެރޭގައި ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގައި ވިދާޅުވީ "އައިހެވަން" ޕްރޮޖެކްޓަށް އިންވެސްޓް ކުރަން ސައުދީ އިންވެސްޓްމެންޓް ފަންޑު ޕޮޒިޓިވް ކަމަށެވެ. ހަމަ އެ އަހަރުގެ ޖޫން މަހު އެއިރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ހޯރަފުއްޓަށް ވަޑައިގެން އެ އަހަރުގެ ތެރޭގައި އައިހެވަން މަޝްރޫއު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2015 ވަނަ އަހަރު އެ މަޝްރޫއު ބަޔަކާ ހަވާލުކުރާނެ ކަމަށާއި އައިހެވަން ތަރައްގީ ކުރާ ސަރަހައްދު ބަލަން ގައުމުތަކުން އަންނަމުންދާ ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.

އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ވަނީ ބޮސްޓަން ކޮންސަލްޓިން ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ފަރާތުން އެ ސަރަހައްދުގައި ތަރައްގީ ކުރެވޭނެ މަޝްރޫތަކުގެ ސްޓަޑީ ކުރިއަށް ގެންގޮސްފައިވާ ކަމަށްެ ވެ އެވެ. މަޝްރޫއުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައިވެ އެވެ. އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

ކޮންމެއަކަސް 2015 ވަނަ އަހަރާއު 2016 ވަނަ އަހަރު ވެސް އައިހެވަން މަޝްރޫއު ފަށައިފި އެވެ. ރައްޔިތުންގެ ކުރިމަތީގައި ސަޅިބައިސާ ކަނޑައިފި އެވެ. ނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް ފެނިގެން ނުދެ އެވެ. ހުސް ވާހަކަތަކަކާއި ބޮޑެތި ވައުދުތަކެވެ.
 

- ކޮމެންޓް