މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މާލޭ ވިޔަފާރި ބަނދަރު ތެރޭގައި ފަޔަށް ފޯކްލިފްޓެއް އަރައި ފައި ކުޑަ ހުޅާ ހަމައަށް ޗިސްވި މަޖޫރީގެ ފައި ބުރިކޮށްލައިފިއެވެ.
އެހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު 11:00 ހާއިރު އެވެ. ފޯކްލިފްޓު އެރުމުގެ ސަބަބުން އޭނާގެ ކަނާތު ފައިގެ ކުޑަ ހުޅާއި ހަމައަށް އެއްކޮށް ޗިސްވެފައިވެފައިވާއިރު އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަށް ފަހު އޭނާގެ ފައި ކުޑަހުޅާއި ހަމައިން މިހާރުވަނީ ބުރި ކޮށްލާފައެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، އޭނާގެ ފައި ބުރިކޮށްލަން ޖެހުނީ ފައި ވަރަށް ބޮޑަށް ޗިސްވެ، ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާތީ، އާއިލާއާއި މަޝްވަރާކޮށް އާއިލާގެ ވެސް ރުހުމުގައި ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ފޯކްލިފްޓް އަރައި ޗިސްވެފައި ވަނީ އޭނާގެ ކަނާތު ފައި ކަމަށެވެ. އަދި ފައިގެ މައްޗަށް ފޯކްލިފްޓް އަރާފައި ވަނީ ފޯކްފިލްޓު ކޮންޓެއިނަރެއް ހިފައިގެން ނުކުތް ވަގުތުކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ފައި މައްޗަށް އަރާފައި ވަނީ ފޯކްލިފްޓްގެ ފަހަތު ފުރޮޅު ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.