ބޭރުގެ އެކިއެކި ފަރާތްތަކާއެކު ޕާޓީގެ އެކިއެކި މެންބަރުން ޕާޓީ ތަމްސީލްކުރައްވައި ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމެއްގެ ކުރިން ޕާޓީގެ ސެކްރެޓޭރިއެޓަށް ބައްދަލުވުމުގެ މައުލޫމާތު އެންގުމަށް އެމްޑީޕީން އެދިއްޖެ އެވެ.
އެމްޑީޕީއިން ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ އެމްޑީޕީއަކީ ޕާޓީގެ މަސްލަޙަތުގެ އިތުރުން ދިވެހިރާއްޖެއާއި، އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމަށް ނަޒަރުކޮށްގެން ޕާޓީގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުންދާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީން އެންމެ އިސްކަން ދެނީ، ދިވެހި ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކުރުމާއިއެކު، އަވައްޓެރި ޤައުމުތަކާއި ދިވެހިރާއްޖެއާއި އެކުވެރި އެންމެހާ ދައުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި، އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ބައިނަލްއަޤްވާމީ ސުލްޙައަށް އިސްކަންދިނުމަށް ކަމަށެވެ.
އޭގެއިތުރުން ދިވެހިރާއްޖެއާއި މެދު އިތުބާރު އުފައްދައި ދިވެހި ދަޢުލަތުގެ އިސްތިޤުލާލު ދެމެހެއްޓުމަށްވެސް އެމްޑީޕީން އިސްކަންދޭކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ބޭރުގެ އެކިއެކި ފަރާތްތަކާއެކު އޮންނަ ގުޅުން ޕާޓީގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އެހެންކަމުން ބޭރުގެ އެކިއެކި ފަރާތްތަކާއެކު ޕާޓީގެ އެކިއެކި މެންބަރުން ޕާޓީ ތަމްޞީލްކުރައްވައި ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމެއްގެ ކުރިން ޕާޓީގެ ސެކްރެޓޭރިއެޓަށް އެބައްދަލުވުމެއްގެ މަޢުލޫމާތު ދެއްވުމަށް މެންބަރުންގެ ކިބައިން އެދޭކަމަށް އިއުލާންގައި ބުނެފައިވެއެވެ.