އެ ގޭގެ ސިޓިން ރޫމް އަށް ވަނީމެއެވެ. ލޮލުގައި އަޅާއި ގަތީ ސިޓިންރޫމްގައި ހުރި ގުރާ ކޮއްޓެވެ. ފެހި ކުލަގެ ވަރަށް ރީތި ދެ ގުރައެވެ. އެ ދެ ގުރާއަށް ވެސް އެގޭގެ ތެރެއަށް ވެރިވެފައިވާ ފަޅުކަން އިހްސާސް ކުރެވޭ ކަހަލައެވެ. ކޮންމެ ދުވަހު އެ ގުރާތަކަށް ކާންދޭން އަންނަ މީހާ އެވަނީ ޖަލުގައެވެ. ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާފައެވެ. އޭނާ ޖަލަށް ލާން ހުކުމް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުންނެވެ. އެއާއި އެކު ޓެރަރިޒަމްގެ ދުއުވާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ. މިއީ ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ވާހަކައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދުކުރިފަހުން މިއަދަށް 68 ދުވަސް ވީއެވެ. ފަސްމީހުންގެ އެ ކުޑަ ކުޑަ އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަން ރިޔާޒުގެ އަނބިކަނބަލުން އައިމިނަތު ނަދާ ވަނީ ރާއްޖެއެމްވީއަށް ހިއްސާކޮށްފައެވެ. ތިން އަންހެން ކުދިންނާއި އެކު އުޅެން ޖެހިފައިވާ އެކަނިވެރި ދިރިއުޅެމުގެ ވާހަކަތަކެއެވެ. ރިޔާޒުގެ ހަދާންތަކެވެ.
"އާއިލާގައި ތިބެނީ ތިން ކުދިން، އެންމެ ބޮޑު ކުއްޖާ ކިޔަވަން ގޮސް ބޭރުގައި މިހާރު ހުންނަނީ، ދެން ހުންނަ ދެބެއިން ތިބެނީ ކައިރީގައި، ތިން އަންހެން ކުދިން، މިއީ ފަސް މީހުންގެ ކުޑަ ކުޑަ ފެމެލީއެއް،" އެއާއިލާގެ ކިޔާދެމުން ނަދާ ބުންޏެއެވެ.
"ޖަލަށް ހުކުމް ކޮށްފާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން، ހީކުރީ ހުކުމެއް ނުޖަހާ މުއްދަތެއް ނެތް ގޮތަކަށް ޖަލުގައި ބައްހައްޓާނެ ކަމަށް، އަދި ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުރީ ކޮންމެ ވަގުތެއްގައި ވެސް ގޭބަންދަށް ގެޔަށް ބަދަލުކޮށްފާނެ ކަމަށް. މިހާރު އުންމީދެއް ނެތް، ކޯޓްތަކުގައި މިހާރު އުފުލާފައިވާ ތުހުމަތު ތަކުގެ ބޮޑެތި ދައުވާ ތަކަށް ކޮންމެ ފަދަ ކޮންމެ ފަދަ ހުކުމެއް ވެސް ކޮށްފާނެ ކަމަށް ގަބޫލުކުރަން،" ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން އެނާގެ އަނބިކަނބަލުން ނަދާ ބުންޏެއެވެ.
ކޮންމެ ހުކުރު ދުވަހަކީ އެ އާއިލާއަށް ވަރަށް ހާއްސަ ދުވަހަކެއެވެ. އެހެންމަވެސް އެދުވަހުގެ ހާއްސަކަން ވެސް ގެއްލިގެން ދިޔައީ ރިޔާޒު ޖަލަށް ލުމުންނެވެ. މެންދުރުގެ ކެއުމެއެވެ. ތަފާތު އެކި ވައްތަރުގެ ކާއެއްޗެހިން ރިޔާޒު ގޭގައި އުޅުއްވާއިރު ސުފުރާމަތިން ފުރާލައެވެ. ހުކުރު ދުވަހުގެ ކެއުމުގެ އެއާއިލާގެ އެންމެން ކަހަލަ ގޮތަކަށް މީގެ ކުރިން ރިޔާޒު އާއި އެކު ބައިވެރިވެއެވެ. އެއް ސުފުރާމަތިން އާއިލާގެ ހުރިހާ އެންމެން ކައިބޮއެ ހަދާތަން ފެނުމަކީ އުފާވެރި މަންޒަރަކެއެވެ. އާއިލާގެ ގުޅުން ބަދަހިކަން ހާމަކޮށްދޭ ކަމަށެވެ. ކިތެންމެ ގިނަ ވައްތަރުގެ ކާއްޗެހި ތައްޔާރުކުރި ނަމަވެސް، މިއަދު އެ ސުފުރާތަން ވެސް ފެންނަނީ ފަޅުކަމެއެވެ. ރިޔާޒު ނެތުމުންނެވެ.
"ޖަލުގައި ބަންދުކުރިފަހުން މިއަށް 68 ދުވަސް ވީއިރު، އަދިވެސް ރިޔާޒު ނެތުމުން ގޭތެރެއަށް ލިބުނު ފަޅު ކަމަށް ބަދަލެއް ނާދެ، ހާއްސަކޮށް ހުކުރު ދުވަސް ހީވަނީ ދިރުމެއް ނެތް ތަނެންހެން، ކުދިން ވަރަށް ބޮޑަށް އުންމީދުކުރޭ ރޯދަ މަހަށް ލުޔެއް ދޭނެ ކަމަށް، އަދި ގޭބަންދަށް ބަދަލުކޮށްދެއްވާނެ ކަމަށް،" ރިޔާޒުގެ އަނބިކަނބަލުން ނަދާ ބުންޏެއެވެ.
"ހުކުރު ދުވަސް ކުދިންނަން ރިޔާޒު ހުސްކުރާނެ، ގިނަ ފަހަރު ރަށުން ބޭރަށް ވެސް ދެވެންޏާ ދާނެ ވަރަށް، ހުކުރު ދުވަހަކީ ފެމެލީ ޑޭއެއްގެ ގޮތުގައި ބޮޑަށް އިންނާނީ، އާއިލާއާއި އެކީގައ ހަމަ" ނަދާ ބުންޏެއެވެ.
ރިޔާޒުގެ ތިން އަންހެން ކުދިންގެ އުންމީދަކީ ރަމަޟާން މަހަށް އެނާއަށް ލުޔެއް ލިބުމެއެވެ. ގޭބަންދަށް ނަމަވެސް އެކުދިން ގާތަށް ބައްޕަ އައުމެއެވެ. ރިޔާޒުގެ އާއިލާގެ ކޮންމެ މެމްބަރުންވެސް ބުނަނީ އެއް ވާހަކައެވެ. ރިޔާޒު އަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެއް ކަމަށެވެ. ހާއްސަކޮށް ކުދިންނާއެކު ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. މީގެ ކުރިން އެކުދިން ވެސް ރިޔާޒު ޖަލަށް ލާފާނެ ކަމަށް ހިޔާލަށް ވެސް ނުގެނެއެވެ.
"ތިން ކުދިންވެސް ރިޔާޒުއާއި ވަރަށް އެޓޭޗް ވާނެ، ރިޔާޒުގެ ވާހަކަ ވަރަށް ދައްކާނެ، ރިޔާޒުގެ ވާހަކަ މިހާރުވެސް އަހާނެ، ހާއްސަކޮށް ބޭރުގައި ކިޔަވަން ހުންނަ ދަރިފުޅު ރިޔާޒުގެ ވާހަކަ ވަރަށް އަހާ އޮޅުންފިލުވާނެ، އަދި އަޅުގަނޑު ކައިރީގައި ހުރިހާ ކުދިން އަހާނެ މަންމާ އޭ ދެން ކިހިނެތްހޭ ވާނީ ރަގަނޅު ގޮތެއް ވާނެހޭ! ރިޔާޒުއަށް އިތުރު ދިގު ދިގު މުއްދަތަކަށް ހުކުމެއް ޖަހާފާނެތީ އެކަމާ ކަންބޮޑުވެގެން ވަރަށް ބޮޑަށް އެ ވާހަކަ ދައްކާ ހަދާ،" ނަދާ ބުންޏެއެވެ.
އެ ކުޑަ ކުޑަ އާއިލާ އަބަދުވެސް ހިތްވަރު ލިބެނީ ރިޔާޒުގެ ވާހަކަތަކުނެވެ. ސިޔާސީ މައްސަކަތުގައި އުޅޭ އިރު އޮންނަނީ ދެ ގޮތްކަމަށް އަބަދުވެސް ރިޔާޒު ވިދާޅުވެއެވެ. އެއް ގޮތަކީ ސަރުކާރަށް ސަނާ ކިޔުމެއެވެ. ނޫނީ ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތް ކުރުމެއެވެ. މިއަދު ރައްޔިތުންގެ ހައްގުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާ އަނިޔާވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމުގެ ނަތީޖާ އަކީ އެކަހެރިކޮށް ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ރިޔާޒު ލުމެއެވެ. 4 މަހާ 24 ދުވަހަށް ޖަލަށް ލާފައިވާއިރު ޓެރަރިޒަމްގެ ދައުވާ ވެސް އެވަނީ އުފުލާފައެވެ. ރިޔާޒްގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ.
"ރިޔާޒު އަބަދުވެސް ބުނާނެ ސިޔާސީ މަސައްކަތުގައި އުޅޭ އިރު އޮންނާނީ ދެ ގޮތަކޭ، އެއް ގޮތަކީ ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިއަސް ސަނާ ކިޔާ ޝުކުރު އަދާކޮށް އަތްޖަހާ ޖަހާ އިނުމޭ، ނޫނީ ރައްޔިތުންގެ ޙައްގުގައި ސަރުކާރު ޖަވާބުދާރީ ކުރުމޭ، އަދި ބުނާނެ ސަރުކާރު ޖަވާބުދާރީ ކުރުމުގައި އުޅެނިކޮށް ޖަލު ގޮޅިއަށް ލާފާނެކަމަށް ގަބޫލުކުރައްޗޭ، ދެން ބުނާނެ ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ގާނޫނު އިމުގެ ތެރެއިން ކަމަށް،" ރިޔާޒުގެ އަނބިކަބަލުން ނަދާ ބުންޏެއެވެ.
އެ އާއިލާގެ އުންމީދަކީ އެގޭތެރެއަށް ވެރިވެފައިވާ ފަޅުކަން ފިލައިގެން ދިއުމެއެވެ. ގޭތެރޭގައި ރިޔާޒުގެ ތިން ކުދިންނާއި އެކު އެނާ ވަގުތު ހޭދަކުރާ މަންޒަރު ފެނުމެވެ.