އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު މުހައްމަދު ޝަކީލް، އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަައްޔަން ކުރައްވައިފިއެވެ.
އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ ކޮމިޝަންގެ މެމްބަރުންނަށް އޭނާ ވަނީ އެކަން އަންގަވާފައެވެ. މެލޭޝިއާގައި އިންތިހާބު އޮބްޒާވު ކުރުމަށް އެ ގައުމަށް ވަޑައިގެން ހުންނެވި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޝަކީލް މަގާމުން އިސްތިއުފާ ދެއްވިކަން އޭނާއަށް އަންގާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ޓްވީޓު ކުރައްވާފައި ވަނީ ޝަކީލު އިސްތިއުފާ ދެއްވުމުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އީސީގެ މެމްބަރުކަމަށް ޝަކީލު އައްޔަން ކުރެއްވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.