ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) މެވެރިކޮށް މައްސަލަ ހުށަހެޅުން ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެ ކަމަށާއި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތައް ކަނޑައަޅާނެ ފަރާތަކީވެސް ސުޕްރީމް ކޯޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ އުސޫލު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. އަދި މައްސަލަ ހުށަހަޅާނެ އުސޫލު ކަނޑައަޅާނެ ފަރާތަކީވެސް ސުޕްރީމް ކޯޓުކަމަށާއި، މައްސަލަ ހުށަހަޅަންޖެހޭ ވަކިގޮތެއް އެއްވެސް ފަރާތަކަށް ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން ޖެމްސް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހަޅައި، ސިޓީ ބިޓީ ބަލައިގަންނާނެ ގޮތާއި، މައްސަލަ ހުށަހަޅަންޖެހޭނެ ގޮތާއި މި ހުރިހާ އެއްޗެއް ކަނޑައަޅާނީ ސީދާ ސުޕްރީމް ކޯޓުން އިނގޭތޯ. އަދި ސުޕްރީމް ކޯޓަކީ އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުގައި ހުންނަ ކޯޓެއް ނޫން. އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުގައި ހުންނަ ކޯޓެއް ނޫން. ސުޕްރީމް ކޯޓަކީ މިނިވަން މުސްތަޤިއްލު ތަނެއް. އެހެންވީމަ، އިންޓަރނެޓް މެދުވެރިކޮށް ސިޓީ، މައްސަލަ ހުށަހެޅޭކަމަށްވަންޏާ އާންމު ރައްޔިތުންނަށްވެސް އެގޮތަށް މައްސަލަ ހުށައެޅެންޖެހޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ. އެ ހުކުމަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެ ހުކުމަކީ މައުޟޫއީ އަދުލުވެރިކަންވެސް އަދި އިޖުރާއީ އަދުލުވެރިކަންވެސް ޤާއިމްނުވާ ހުކުމެއް ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ހުކުމެއް، ހުކުމަކަށްވަނީ ޑިއު ޕްރޮސެސް ފުރިހަމަވެގެން ކަމަށާއި، އެހެން ނޫންކަމުގައިވާނަމަ އެއީ ހުކުމަކަށް ނުވާނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވަނީ އެފަދަ، ހުކުމަކަށް ނުވާ ޒާތުގެ ހުކުމެއްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އެހެންވީމަ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމްވެފައިނުވާ ހުކުމެއް މިގޮތަށް އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް، އުއްތަމަ ފަނޑިޔާރުގެ މަޤާމު ގެއްލިފައިނުވާ ބޭފުޅެއްގެ މައްޗަށް ހަމައެކަނި ކުރެއްވި ހުކުމަކާއި ގުޅިގެން މި ދެންނެވީ، ފެބުރުއަރީ 1 ގައި ކުރެއްވި ހުކުމަކާއި ގުޅިގެން މިގޮތަށް ހުކުމް ކުރެވިގެންދިޔައީމައި އަޅުގަނޑުމެން ދަންނަވަންޖެހޭނީ މިއީ ހަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި ޖެހުނު ވަރަށް ބޮޑު ކަޅު ލަތްގަނޑެކޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.