ދިވެހިރާއްޖެއާއި ޕާކިސްތާން އަސްކަރިއްޔާއާއި ދެމެދު ބާއްވާ ހަތަރު ވަނަ ސްޓާފް ޓޯކްސްގައި ބައިވެރިވެވަޑައިގެނެންވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭަޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.
ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ދިފާޢީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމަށާއި ދިވެހިރާއްޖޭގެ އަސްކަރިޔާ އިތުރަށް ތަރަށްޤީ ކުރުމުގެ ގޮތުން ބާއްވާ މި ސްޓާފް ޓޯކްސް ކުރިއަށްދާނީ މި މިމަހުގެ 10 އަދި 11 މި ދެދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ޖޮއިންޓް ސްޓާފްސް ހެޑްކުއޯޓާރޒްގައެވެ.
މި ސްޓާފް ޓޯކްސްގައި ދިވެހިރާއްޖެގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަ ކާނަލް ޢަބްދުލް މަތީން އަޙްމަދާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަޞީރުގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ލެފްޓިނަންޓް ކާނަލް އިބްރާހީމް ހިލްމީއެވެ.