ޖިނާއީ އިޖްރާއަތުގެ ގާނޫގައި ބުނެފައިވާގޮތައް ޝަރީއަތް ފެށުމުގެ ކުރިން ދޭން ޖެހޭ 30 ދުވަހުގެ މުހްލަތު ދިނުމަށްފަހު ޝަރީއަތްތައް ފެށުމަށް އެދެމުންދަނިކޮށް އެ މުއްދަތުނުދީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ނިންމައިފި އެވެ.
ދައުލަތުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ މި ދައުވާ އާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދެވީ ރައީސް މައުމޫނާ ނުލަ އެވެ. ޝަރީއަތުން ބުނީ ރައީސް މައުމޫނު ކޯޓަށް ހާޒިރު ނުކުރެއްވުނީ އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްދެވެން ނެތް ފަދަ ހާލަތެއް ދިމާވެފައިވާކަން ފުލުހުން ކޯޓަށް އަންގާފައިވާތީކަމަށް އެވެ.
އަންގާރަ ދުވަހުގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދެ ފަރާތުންވެސް ހުށަހަޅާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ލިބޭ ފަރާތުން ހުށަހެޅި އެއްވެސް ކަމެއް ކޮށްދެވެން ނެތް ކަމަށް ނިންމަވާފަ އެވެ. އޭގެ ބަދަލުގައި ދައުލަތުން އެދުނު ދެ ކަންތައްވެސް ކޮށްދޭން ޝަރީއަތުން ނިންމި އެވެ. ދައުލަތުން އެދުނީ އެ މައްސަލަ ސާބިތުކުރަން ހުށަހަޅާފައިވާ ހެކިންނަށް ހިމާޔަތް ލިބޭނެ ގޮތައް އެ ހެކިން ސިއްރުކޮށްދީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާދިނުމަށާއި ހެކިންގެ މައުލޫމާތު ހިމެނޭ ހުރިހާ ލިޔުމެއް ސިއްރުކޮށްދީފައިވާ ބޭއްވުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތުން ވަނީ މައިގަނޑު ގޮތެއްގައި 11 ކަމެއް ކޮށްދިނުމަށް ޝަރީއަތުގެ ކުރިން ހުށަހަޅާފަ އެވެ. އެގޮތުން އުފުލިފައިވާ އެ ދައުވާއަކީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކޮށްފައިވާ ދައުވާއަކަށްވާތީ އެއީ ދުސްތޫރީ ހަމަތަކާ ހިލާފަށް ހުށަހަޅާފައިވާ ދައުވާއަކަށްވާތީ އެ ދައުވާ ބާތިލްކޮށްދިނުމަށް އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެހެންމެ މިއީ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކާމެދު ބަހުސް ކުރެވޭނެ ގޮތައް ހުށަހަޅާފައިވާ ދައުވާއަކަށްވާތީ އާއި ދައުވާގައި ބުނެފައިވާ ކުށުގެ އުންސުރުތައް ފުރިހަމަ ވެފައިނުވާތީ އެ ދައުވާ ބާތިލްކޮށްދޭންވެސް ވަނީ އެދިވަޑައިގެންފަ އެވެ. އޭގެ އިތުރުން ދައުވާގެ ފޯމްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ބަދަލުގައި އެހެން ބޭފުޅަކު ސޮއިކުރައްވާއިރު އެކަންކޮށްފައިވާ ގޮތް ބަޔާންކޮށްފައިނުވާތީ އެ ދައުވާ ފޯމް ބާތިލްކޮށްދޭން އެ ބޭފުޅުން އެދިވަޑައިގެންނެވި އެވެ.
އަދި އެހެންމެ ދައުވާ ސާބިތުކުރަން ކަމަށް ބުނެ ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައި ނުގަތުމަށާއި އަދި ސިއްރު ބަޔާންތައްވެސް އެމީހުންގެ ނަންތައް ނޭނގޭނެ ގޮތައް ހެދުމަށް ފަހު ދިނުމަށް އެދުނު ނަމަވެސް ޝަރީއަތުން ނިންމީ އެއިން އެއްވެސް ކަމެއް ކޮށްދެވެން ނެތް ކަމަށެވެ.
ގާޒީ ނިންމެވީ މައްސަލައިގެ ޝަރީއަތްތައް އަންނަ ހޯމަ ދުވަހު ފެށުމަށެވެ. އެހެން ނަމަވެސް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދިފާއީ ވަކީލުން ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާއާ އާއި 140 ވަނަ މާއްދާއާ ހަވާލާދީ އެގޮތައް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ޖިނާއީ އިޖްރާއަތުގެ އެ ގާނޫނުގެ މާއްދާއާ ހަވާލާދީ ދިފާއީ ވަކީލުން ވިދާޅުވަމުން ގެންދެވީ 30 ދުވަހުގެ މުހްލަތެއް ޝަރީއަތް ފެށުމުގެ ކުރިން ދައުވާ ލިބޭ ފަރާތައް ދޭންވާނެ ކަމަށެވެ. އަދި އެ މާއްދާގެ ބޭނުމަކީ ޝަރީއަތުގެ ކުރިން ތައްޔާރުވުމަށް ދައުވާ ލިބޭ ފަރާތައް އެކަށީގެންވާ ފުރުސަތުތަކެއް ދިނުން ކަމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގެ(ނ) ގައި ބުނެފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން ނުވަތަ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ދައުވާ ލިބޭ ފަރާތައް ލިބޭ ތާރީހުން ފެށިގެން 30 ދުވަސް ހަމަ ވުމުގެ ކުރިން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ބާއްވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދައުވާ ލިބޭ މީހާ އަމިއްލައަށް އެދިއްޖެ ހިނދެއްގައި މައްސަލައިގެ ޝަރީއަތް އެއަށްވުރެ އަވަހަށް ފެށުމަށް ހުރަހެއް ނެތް ކަމަށެވެ.
އެ ނުކުތާއާ މެދު ދައުލަތުން ވެސް މި އަޑުއެހުމުގައި ދެކޮޅަށް އެއްވެސް ނުކުތާއެއް ފާހަގަކޮށްފައިނުވާއިރު މައްސަލަ ބައްލަވާ ގާޒީވެސް މި މައްސަލައިގައިވެސް އެއްވެސް ކަމެއް ފާހަގަކުރައްވަ އެވެ. އެހެން ނަމަވެސް އެހެން ނަމަވެސް ދެން ފާހަގަ ކުރި އެހެން ކަމަށް ގާޒީ ވަނީ ޖަވާބުދެއްވާފަ އެވެ. އަދި ނިންމެވީ ހޯމަ ދުވަހު ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށެވެ. އަދި ރައީސް މައުމޫނުގެ އިބްތިދާއީ އެންމެ ފަހު އަޑުއެހުން އާދިއްތަ ދުވަހު ބޭއްވުމަށެވެ.