ހުޅުމާލެ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ވައްކަންކުރަން ވަދެއުޅުނު ދެމީހަކު ފިލަން މަސައްކަތްކުރަނިކޮށް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 20 އަހަރާއި 37 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. މިދެމީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ 03:40 ހާއިރު ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލު ފާރުމަތިން ފުއްމާލައިގެން ފިލަން މަސައްކަތްކުރަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
މިދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ހުޅުމާލޭ ހިތިގަސްމަގު 3 ނަންބަރު ގޯޅިން ކަމަށާއި 20 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ 48 ނަންބަރު ފްލެޓް ކައިރިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެދެމީހުން ހައްޔަރުކޮށް، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ސްކޫލް ކައިރި ބަލައިފާސްކުރިއިރު، ފޯނަކާއި ދެ ދަތްގަނޑާއި ކަށިގަނޑުތަކެއްގެ އިތުރުން ދަބަހަކާއި އަންގިއާއި މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.