އިންތިޚާބެއްގެ މިނިވަންކަން ކަނޑައަޅާނީ ހަމައެކަނި ވޯޓުލާ ދުވަހު ނޫންކަމަށް ދިވެހި ސަރުކާރާއެކު އެއްބަސްވެވޭކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޑޯރިސް ވިދާޅުވީ އިންތިޚާބުގެ ކުރިން އޮންނަ ދުވަސްތަކުގައި ޕާޓީތަކަށް އެޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓުން ކަނޑައެޅުމާއި، ޖަލްސާތަކާއި އެއްވުންތައް ބޭއްވުމާއި، ފައިސާއާއި ވަޞީލަތްތައް ލިބޭނެ މަގުތައް ތަނަސްވުމާއި، ޓީވީތަކުން ހަމަހަމަ ފުރުސަތު ލިބުމަކީވެސް އިންތިޚާބެއްގެ މިނިވަންކަން ކަނޑައެޅުމަށް މުހިއްމު ކަންތައްތައް ކަމަށެވެ.
Good to meet #Maldives Foreign Secretary in Malé today. Agreed that whether an election is democratic or not is determined not just on election day. Freedom to choose candidates and hold meetings, equal access to funding, resources and TV time etc in preceding months matter too. pic.twitter.com/Sl6qGVUYen
— James Dauris (@JamesDauris) May 7, 2018
ޖޭމްސް ޑޯރިސް ވަނީ ފޮރިން ސެކްރެޓަރީގެ އިތުރުން އިދިކޮޅު ފަރާތްތަކާއިވެސް ބައްދަލުކުރައްވާފައެވެ.
Officials of the Joint Opposition met with the British Ambassador to the Maldives H.E. @JamesDauris and briefed him on the current political situation in the #Maldives. pic.twitter.com/vH4psVZv7S
— MDP Secretariat (@MDPSecretariat) May 7, 2018
މި ބައްދަލުވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީއިން ބުނީ ސަފީރު ޑޯރިސްއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު އަރުވާފައިވާކަމަށެވެ.
ޑޯރިސް ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި ގުޅިގެން ކޮޅުނބުގައި ތިއްބަވާ ވިލާތުގެ އިއްތިޙާދުގެ ބައެއް ސަފީރުންނާއިއެކު ފެބްރުއަރީ މަހު ކުރީކޮޅުވެސް ރާއްޖެއަށް ވަޑައިގެންފައެވެ. އެހެން ނަމަވެސް ސަރުކާރުން ސަފީރުންނާއި އެފަހަރު ބައްދަލުކުރައްވާފައެއް ނުވެއެވެ.