ސަރުކާރު ވައްޓާލަން އުޅުމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، އެދިލައްވާފައިވާ ގޮތަށް ފުލުސް އޮފީހަށް ހާޒިރުވުން ފަސް ކުރެވެން ނެތްކަމަށް ފުލުހުން ބުނެފި އެވެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސް ކުރައްވާ ޔުމްނާ ފޮނުއްވާފައިވާ ސިޓީގައި ވަނީ ހޯމަ ދުވަހު ހަވީރު 16:00އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާ ޗިޓް ލިބިފައިވާ ކަމަށާއި ނަމަވެސް މިވަގުތު ދަރިފުޅުގެ ކަންކަން ހަމަޖައްސަން ހުންނެވީ ހަމައެކަނި އޭނާ ކަމަށާއި ދަރިފުޅު ބެލުމަށް އިތުރު ގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ދޮށީ ދަރިފުޅު ހޯމަ ދުވަހުގެ ރޭ މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާތީ، އަންގާރަ ދުވަހުގެ 16:00 އަށް ފުލުސް އޮފީހަށް ހާޒިރުވާންޖެހޭ ގޮތަށް ހަމަޖައްސާ ދެއްވުން އެދޭ ކަމަށް ޔުމްނާގެ އެ ސިޓީގައި ވެއެވެ.
ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރާ މައްސަލައިގައިކަމަށް ފުލުހުން ފޮނުވާފައިވާ ޗިޓްގައިވެ އެވެ.
ޔުމްނާގެ މައްޗަށް މި ތުހުމަތުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ފާރިސް މައުމޫނުގެ މައްޗަށްވެސް އެފަދަ ތުހުމަތުތަކެއްކޮށްވަނީ ދައުވާ އުފުލާފަ އެވެ. އަދި އެ ބޭފުޅުން ތިއްބެވީ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބަންދުކޮށްފަ އެވެ.