ހދ. ނޮޅިވަރަމްފަރުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔަވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އެކްސިޑެންޓުގައި އަނިޔާވި ފާތިމަތު ނާއިލާ މާލެ ގެނެސްފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނުގައެވެ. ނާއިލާއަށް މިހާރު ފަރުވާދެމުން އަންނީ އައިޖީއެމް ހޮސްޕިޓަލްގައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާގެ މައިބަދައަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެނާގެ ހާލު އެހާ ސީރިއެސްއެއް ނޫނެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ނޮޅިވަރަމްފަރު ބަނދަރު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެކްސިޑެންޓުގައި އަނިޔާވި ނާއިލާގެ ފިރިމީހާ އަބްދުﷲ ހާރޫން ރާއްޖެއެމްވީއަށް ބުނީ އެ އެކްސިޑެންޓު ހިނގީ ދެމަފިރިން ޖޮގިންއަށް ގޮސް އުޅެނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ފަހަތުން އައިސް އަންހެނުންގެ ގައިގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ހިނގީ އަނދިރި މަގެއްގައި ކަމަށާއި އެކްސިޑެންޓު ވިއިރު، ސައިކަލުގެ ހެޑްލައިޓު ވެސް ދިއްލާފައި ނެތް ކަމަށް އޭނާ ބުންޏެވެ.