މުދާ އަރުވައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
"އެއިމް ކާރގޯ 1" ނަމަކަށް ކިޔާ މި ދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން 4000 ބަސްތާގެ ހިލަ އާއި ހިލަވެލި ހިފައިގެން ފ.ނިލަންދޫއަށެވެ.
މި ދޯނި ދިޔަވާންފެށީ ދޯންޏަށް ބަރު ކޮށްފައިވާ މުދަލުގެ ސަބަބުން ބަރުބޮޑު ވެގެން ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައިވެއެވެ. އަދި ދޯނި އެއްފަރާތަށް އަރިވުމާއެކު ދޯންޏަށް ބަރުކޮށްފައިވާ ހިލަ އާއި ހިލަވެލި ބަސްތާތައް ކަނޑަށް ދޫވެފައިވާކަމަށް ވެސް ދޯނީގެ ކެޕްޓަން ވަނީ މަޢުލޫމާތު ދީފައެވެ.
ދޯނި ދިޔަވާންފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޯމަދުވަހު ފަތިސްގަޑީގައެވެ. އެމްއެންޑީއެފުން ވަނީ ދޯނި އޮތް ސަރަޙައްދަށް ގޮސް ޕަމްޕު ބަހައްޓައިގެން ދޯނީގައި ހެދިފައިވާ ދިޔަ ގަނޑު ހިއްކުމުގެ މަސައްކަތް ފަށާފައެވެ.
95 ފޫޓުގެ މި ދޯނި ދިޔަވާން ފެށިއިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދޯނީގައި ހެދިފައިވާ ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން އިތުރު ސަލާމަތްތެރިކަން ހޯދުމުގެ ގޮތުން ކ.ވާގަލި ކައިރީ ފަޅަކަށް ދޯނި މިހާރު ވަނީ ބީއްސާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.