ކ. މާލެ
|
6 މެއި 2018 | އާދީއްތަ 15:17
ޕީއެސްއެމްގެ ޑީއެމްޑީ އިކްރާމް
ޕީއެސްއެމްގެ ޑީއެމްޑީ އިކްރާމް
މުހައްމަދު ޝަރުހާން
ޕީއެސްއެމް
ޕީއެސްއެމްއިން މަސްވެރިކަމުގެ ތެރެއަށްވެސް ވަންނަނީ؟
މަސްވެރިންގެ ނެޓްވޯކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައި
މެންޑޭޓުން ބޭރުން ޕީއެސްއެމް މަސައްކަތްކުރާކަމަށް ބައެއް ފަރާތްތަކުން ބުނޭ
ޕީއެސްއެމްގެ އެމްޑީ ޚަލީލްއާއި ޑީއެމްޑީ އިކްރާމް މަސައްކަތްކުރައްވަނީ ރައީސް ޔާމީންގެ ރުހުން ހޯދަންކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނޭ

ސަރުކާރުގެ މީޑިއާގެ ގޮތުގައި މަސައްކަތް ކުރަމުންދާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން މަސްވެރިކަމުގެ ދާއިރާގެ ތެރެއަށްވަދެ، މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ފިޝަރމެންސް ނެޓްވޯކްގެ ނަމުގައި މަސްވެރިން ގުޅުވައިދޭ ނެޓްވޯކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރާކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމަށް ޖަލްސާތަކުގައި ވާހަކަ ދައްކަވާ އެއް ބޭފުޅާކަމަށްވާ މުހައްމަދު އިކްރާމް ޢަބްދުއްލަޠީފް ވަނީ ދާދިފަހުން އިއުލާންކުރައްވާފައެވެ. 

މަސްވެރިންގެ ޖަމްއިއްޔާއަކުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ މިއީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްގެ ވިސްނުންފުޅެއް ކަމަށާއި، މި ނެޓްވޯކާއިއެކު ވެބްސައިޓަކާއި އެޕްލިކޭޝަނެއްވެސް ލޯންޗްކުރެވޭނެ ކަމަށެވެ. 

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއަށް ޕީއެސްއެމްއިން ވަދެފައިވާއިރު، މިއީ ފިޝަރީޒް މިނިސްޓްރީ އަދި ފިޝަރމަންސް އެސޯސިއޭޝަނާއިވެސް ގުޅިގެން ކުރާކަމެއްކަން އެނގިފައެއް ނުވެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ އުފެއްދުމުގެ މަޤްޞަދުތަކާއި، ކުންފުނީގެ މެންޑޭޓްގެ ބޭރުން ޕީއެސްއެމްގެ އެމްޑީ ޚަލީލްއާއި ޑީއެމްޑީ އިކްރާމް މަސައްކަތްކުރައްވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ހޯދަންކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ޕީއެސްއެމްގެ ޤާނޫނީ މަސައްކަތްތައް އެއްފަރާތް ކުރުމަށްފަހު، ވެރިކަން ކުރާ ޕާޓީއާއި، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހިންގަވާ ޙަރަކާތްތައް ކަވަރުކުރުމަށް މުޅި ޕީއެސްއެމް ހުސްކޮށްފައިވާތީ އެކުންފުނީގެ މުވައްޒަފުންނާއި އާއްމުން ދަނީ ފާޑުކިޔަމުންނެވެ. 

ދާދިފަހުން ރާއްޖެއަށް ވަޑައިގެންނެވި މަޝްހޫރު ދީނީ އިލްމުވެރިއެއްގެ ދަރުހެއް، ރައީސްގެ އަނބިކަނބަލުން ކުރައްވާ ދަތުރުފުޅެއް ކަވަރުކުރަން ޖެހިގެން ލައިވްކޮށް ނުދެވިގެން ލަސްކުރަން ޖެހުނުކަމަށް އަޑު ފެތުރުނެވެ. މީގެ އިތުރުން ޕީއެސްއެމްގެ ޗެނަލްތަކުން ރައްޔިތުންނަަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، ހަމައެކަނި ވެރިކަންކުރާ ޕާޓީގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ. ޕީއެސްއެމްއިން ހުރިހާ ސިޔާސީ ފަރާތްތަކެއްގެ އަޑު އިއްވަން ޖެހޭކަމަށް ޕީއެސްއެމްގެ އަނެއް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ޝާހިދު ވިދާޅުވުމާއި ގުޅިގެން، އޭނާ ވަނީ ސަސްޕެންޑްކޮށް ގެއަށް ފޮނުވާލާފައެވެ.

އިކްރާމާއި ޚަލީލާއި ދެބޭފުޅުންނަކީ 2013ގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހިމްއަށް ކެމްޕޭން ކޮށްދެއްވަން އިސްކޮށް އުޅުއްވި، އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މިހާރުގެ ސަރުކާރަށް ވަޑައިގެންނެވި ބޭފުޅުންނެވެ. އެގޮތުން ޚަލީލް ސަރުކާރުގެ ސްލޮޓަކަށް ވަޑައިގަތީ ޤާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ހުންނެވުމަށްފަހުއެވެ. އިކްރާމް ސަރުކާރުގެ ސްލޮޓަކަށް ވަޑައިގަތީ ޤާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީގެ ފިކުރު ފެތުރުމަށް 2013 ގައި ވީމީޑިއާގައި ޤާއިމްކުރި 'ޕޮލިޓިކަލް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓް' ގެ އިސްވެރިއަކަށް ހުންނެވުމަށް ފަހުއެވެ. އަދި އެދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ޕީއެސްއެމް މިހާރު ހިންގަމުންދާއިރު، އެކުންފުނީގެ ޗެނަލްތަކުން ޤާސިމް އިބްރާހީމްއާއި ދެކޮޅަށް ތަފާތު އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް