ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ގެއްލުން ނުވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދޫދެއްވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ބަންދުގައި ބެހެއްޓެވުން ލުއިކޮށްދިނުމަށް ވަރަށް އިހުލާސްތެރިކަމާއެކު ރައީސް ޔާމީންގެ އަރިހުން ދަންނަވާ ކަމަށެވެ. އަދި ރައީސް މައުމޫނާ މެދު ރައީސް ޔާމީން އަމަލު ކުރައްްވަމުން ގެންދަވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަންކުރައްވާފައިވާ ގޮތާ ވަރަށް ދުރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
Raees Yameen arihu varah ikhlaastheri kamaaeku dhannavan. Raees @maumoonagayoom ai gulhey gothun amalu thikuravanee zamaanussure Raajjege verin kankuravvaafa vaagotha varah dhurun. Manikfaanu ah siyaasee gellun nuvaa gothakah Raees Maumoon ah dhoodhevveyne
— Mohamed Nasheed (@MohamedNasheed) May 6, 2018
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިއަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު، އެމަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އެމަނިކުފާނުގެ އާއިލާގެ ފަރާތުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަދި އާއްމުންގެ ގިނަ ބަޔަކު ގެންދަނީ ކަންބޮޑު ވުން ފާޅު ކުރަމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ޝަރީއަތުގެ މަޖިލީހުގައި އާދޭސް ދަންނަވާފައިވެ އެވެ. އަދި ޖަލުގައި އެކަނި އޮންނެވުމުގެ ތެރޭގައި ސިއްހީ ބޮޑު ކަމެއް މެދުވެރިވެދާނެ ކަމަށްވެސް ރައީސް މައުމޫނު ފަނޑިޔާރަށް ދަންނަވާފައިވެއެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ކުރިމަތިވެ ވަޑައިގެންފައިވާ ސިއްހީ މައްސަލައެއްކަމަށްވާ 'ބެނިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' ގެ ސަބަބުންނެވެ.
މި އާލާސްކަންފުޅަށް މިދިޔަ ޑިސެމްބަރު މަހު ރައީސް މައުމޫން ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ.
މި އާލާސްކަންފުޅަށް ރައީސް މައުމޫނު ފަރުވާ ހޯއްދެވި ކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓަކު ދެއްވި ލިޔުން ވެސް އާއިލާއިން ވަނީ ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކޮށްފައެވެ.
ޑޮކްޓަރު ވިދާޅުވީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް ހޭފުޅަށް ގޮތްވާ ކަމަށާއި، ކުއްލި އަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.
ބީޕީޕީވީ ހުންނަ މީހުންގެ ކައިރީގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއެވެ. ބީޕީޕީވީ އަކީ ކަންފަތުގެ އެތެރޭގައި ހުންނަ ބައިތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މީހާގެ ބެލެންސް ގެއްލި، ވެއްޓެން މެދުވެރިވާ ބައްޔެކެވެ. އަދި ވަކިގޮތަކަށް ބޮލުގެ ޙަރަކާތް ބެހެއްޓޭ ގޮތަކުން ބޮލަށް އެނބުރުން އަރައި، ވެއްޓެން ދިމާވެއެވެ. މިބައްޔަކީ ސީދާ ފުރާނައަށް ނުރައްކާވާ ބަައްޔެއް ނޫންނަމަވެސް، ކުއްލިއަކަށް ވެއްޓޭ ގޮތަކުން ބިންމަތީގައި ބޯ ޖެހި، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.