ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޙާލުކޮޅު ސީރިއަސްވެ، އާއިލާއަށް އަންގާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ޙާލުކޮޅު ހޮނިހިރު ދުވަހު ސީރިއަސްވެ، އެމަނިކުފާނު ބައްލަވަން ޑޮކްޓަރަކުވެސް ދިޔައެވެ. އަދި ރައީސް މައުމޫން ބަންދުކޮށްފައި ހުންނަވާ ކޮޓަރީގައި ހޮނިހިރު ދުވަހު ފުލުހަކު ޑިއުޓީއަށް ހުރިކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މައުމޫނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. އަދި އެމަނިކުފާނަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އާއިލާއިންނާއި ސަޕޯޓަރުންނާއި ވަކީލުން ދަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.
ރައީސް މައުމޫންގެ ޙާލުކޮޅު ސީރިއަސްވުމާއި ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮނިހިރު ދުވަހުގެރޭ ދޫނިދޫއަށް ވަޑައިގެންފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.
ޑޮކްޓަރު ވިދާޅުވީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް އަނބުރައިގަންނަކަމަށާއި، ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ.
ބީޕީޕީވީ ހުންނަ މީހުންގެ ކައިރީގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއެވެ. ބީޕީޕީވީ އަކީ ކަންފަތުގެ އެތެރޭގައި ހުންނަ ބައިތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މީހާގެ ބެލެންސް ގެއްލި، ވެއްޓެން މެދުވެރިވާ ބައްޔެކެވެ. އަދި ވަކިގޮތަކަށް ބޮލުގެ ޙަރަކާތް ބެހެއްޓޭ ގޮތަކުން ބޮލަށް އެނބުރުން އަރައި، ވެއްޓެން ދިމާވެއެވެ. މިބައްޔަކީ ސީދާ ފުރާނައަށް ނުރައްކާވާ ބަައްޔެއް ނޫންނަމަވެސް، ކުއްލިއަކަށް ވެއްޓޭ ގޮތަކުން ބިންމަތީގައި ބޯ ޖެހި، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.
ރައީސް މައުމޫންގެ ޙާލުކޮޅު ހޮނިހިރު ދުވަހުގެ ރޭ ސީރިއަސްވުމާއި ގުޅިގެން އާއިލާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޓުވީޓުކުރައްވާފައެވެ.
My father @maumoonagayoom is still not feeling well. The family is very worried. I appeal to the authorities to please transfer him to house arrest where he can be with his family. @PoliceMv @hrcmv @UNHumanRights @antonioguterres @amnesty @OmarWaraich pic.twitter.com/UFVyHZZwMN
— Yumna Maumoon (@yumna_maumoon) May 5, 2018