އިންޑިޔާގެ ފުންނާބު އުސް ފިލްމު ޑައިރެކްޓަރ، ޕްރޮޑިއުސަރ، ސްކްރީން ރައިޓަރ، ކޮސްޓިއުމް ޑިޒައިނަރ، އެކްޓަރ އަދި ރިއަލިޓީ ޓީވީ ތަރި ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މީގެ ކުރިން ހާމަކޮށްފައި ނުވާ އާ ވާހަކަތަކެއް އޭނާގެ ބަޔޮގްރަފީ ފޮތުގައި ހާމަކޮށްފިއެވެ.
"އޭން އަންސުއިޓަބްލް ބޯއި" ގެ ނަމުގައި ދާދިފަހުން ކަރަން ޖޯހަރް ނެރުނު އޭނާގެ އަމިއްލަ ބަޔޮގްރަފީގައި އޭނާގެ "ސެކްޝުއަލް އޮރިއެންޓޭޝަން" އާ ބެހޭ ގޮތުން ސުވާލުތައް އުފެއްދި އެތައް ބައެއްގެ ސުވާލުތަކުގެ ޖަވާބާއެކު އާއި ޝާހުރުކް ޚާނާ ދެމެދު އޮންނަ ގާތް ގުޅުމާއި ބެހޭ ލިޔެފައިވެއެވެ.
ކަރަން ޖޯހަރް ވަނީ ތަފާތު މޮޅު ފިލްމުތައް އުފައްދައި، މުނިފޫހިފިލުވުމުގެ ދާއިރާއިން ބެލުންތެރިންގެ ހިތްތައް ފަތަޙަކޮށްފައެވެ. ގިނަ ފަރާތްތަކަށް ކަރަން ޖޯހަރް އެނގިފައިވަނީ ބޮލީވުޑްގައި އެންމެ މޮޅު ފިލްމުތައް އުފައްދާފައިވާ ފަރާތުގެ ގޮތުގައެވެ. އަދި އެފިލްމުތަކުގައި އެކުލެވޭ ތަފާތު ރަހަތަކާއެކު ކޮންމެ ފިލްމެއްގައި ވެސް "އިމޯޝަންސް" އަދި ޑްރާމާ ބައި އެއްވެސް އުނިކަމެއް ނެތި އެންމެ ފުރިހަމައަށް ގެނެސްދޭ ފަރާތެއްގެ ގޮތުގައެވެ.
ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ކަރަންގެ ފިލްމުތަކުގައި އެކުލެވިގެންވާ ޙަޤީޤީ ކުލަތަކަކީ އޭނާގެ ދިރިއުޅުމުގައި ކޮށްފައިވާ ތަޖުރިބާތަކާއި ގުޅުވައިގެން އޭނާ ހިމަނާ ބައިތަކެވެ. އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅުވައިގެން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އައި ނަމަވެސް، އެއްވެސް ސުވާލެއްގެ ޖަވާބު އޭނާ ސީދަލަކަށް ދީފައެއް ނުވެއެވެ.
އެހެންނަމަވެސް، ޖިންސީ ގޮތުން އޭނާ ގެންގުޅޭ ތަފާތު ޚިޔާލުތަކަށް އޭނާ ވަނީ މީގެ ކުރިން ވެސް އެކި ޕްލެޓްފޯމްތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަކީ "ގޭއި" އެއް ކަމަށާއި އަންހެނުންނަށް ޝައުޤުވެރިކަން ނުހުންނަކަން ހާމަވާ ފަދަ ގޮތަކަށް އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ވާހަކަދައްކާފައެވެ.
މިޖެނުއަރީ މަހު ނެރުނު ކަރަން ޖޯހަރްގެ ބަޔޮގްރަފީ "އޭން އަންސުއިޓަބްލް ބޯއި" ކިޔާލުމުން އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅިގެން އުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބު ލިބިގެންދާނެ ކަމަށް ޚަބަރުތައް ބުނާއިރު، މި ބަޔޮގްރަފީގައި ހިމެނޭ ބައެއް މަޢުލޫމާތު ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓެއްގައި ވަނީ ޝާޢިއުކޮށްފައެވެ.
ކަރަންގެ ބަޔޮގްރަފީގައި އޭނާ ބުނެފައި ވަނީ އޭނާގެ "ސެކްޝުއަލް އޮރިއެންޓޭޝަން" އަކީ ކޮބައިކަން އެންމެންނަށް ވެސް އެނގި ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އެހެންނޭ ކިޔާފައި "ހަޅޭއްލަވާކަށް" ނުޖެހޭނެ ކަމަށް ކަރަން ބުންޏެވެ. އަދި އިންޑިޔާގައި "ގޭއި" އެއްކަމަށް އިޢުތިރާފް ވުމާއެކު ޖަލަށް ދާން ޖެހޭ ކަމަށާއި އެހެންކަމުން އެންމެންނަށްވެސް އެނގޭ " އެ ޙަޤީޤަތް" އޭނާގެ ދުލުން ބުނެވެން ނެތް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން އިތުރަށް ފާހަގަކޮށްފައިވާ އެންމެ މުހިއްމު ވާހަކައަކީ އޭނާގެ ގާތް ރަޙުމަތްތެރިޔާ، ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާނާއި އޭނާއާ ބެހޭ ގޮތުން ފަތުރާފައިވާ ޙަޤީޤަތެއް ނެތް ވާހަކަތަކާއި ގުޅިގެން އޭނާ ކަންބޮޑުވާ މިންވަރެވެ.
ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމުގެ އެތައް ޞަފްޙާތަކެއް ހުޅުވާލާފައިވާ ބަޔޮގްރަފީ ފޮތުގައި އޭނާގެ ދިރިއުޅުމުގައި ކޮށްފައިވާ ހިތި ތަޖުރިބާތަކާއި ޞިއްޙަތާ ބެހޭ ގޮތުން ވެސް ބައެއް ވާހަކަތައް ވަނީ ހިމަނާފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ އޭނާއާ ބެހޭ ގޮތުން ކޮންމެ މީހަކު ކޮންމެ ފަދަ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އޭން އަންސުއިޓަބްލް ބޯއި" އަކީ މިހާތަނަށް ކަރަންގެ ޒާތީ ދިރިއުޅުމާ ބެހޭ އެހާ ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ ވާހަކައެއް ޙިއްސާކުރި ފުރަތަމަ ޕްލެޓްފޯމެވެ.