އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ވަނަ ދުވަހު އަމުރު ނެރުއްވިއިރު، ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވީ އަހުމަދު އަރީފް އެވެ. އަމުރު ނެރުމާއެކު، އެ އަމުރު ތަންފީޒްކުރުމުގެ މަސައްކަތް އަރީފް ފައްޓަވާފައިވާކަން، އަމުރު ނެރުނުތާ ގިނަ އިރުތަކެއްނުވެ، ފުލުހުންގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓުން ހާމަވެ އެވެ. ނަމަވެސް އެ ޓުވީޓްކުރިތާ ގިނައިރުތަކެއް ނުވެ، އެ ޓުވީޓް ވަނީ ޑިލީޓްކޮށްލާފަ އެވެ. ހަމައެހެންމެ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އަހުމަދު އަރީފްވެސް ވަނީ ވަކިކުރައްވާފަ އެވެ.
އަރީފް މަޤާމުން ވަކިކުރެއްވިތާ، ގިނަ އިރުތަކެއް ނުވެ، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެވަގުތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއަކަށް ހުންނެވި އަހުމަދު ސައުދީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވެއެވެ. ސައުދީ އެ މަޤާމަށް އައްޔަނުކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، އެ މަޤާމުން ވަނީ ވަކިކުރައްވާފަ އެވެ.
އަހުމަދު އަރީފް މަޤާމުން ވަކިކުރިތާ އެއް އެއް މަސް ދުވަސް ފަހުން، މާޗް މަހުގެ 6 ވަނަ ދުވަހުު އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ސަރުކާރުންކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތު އެވެ. މައިގަނޑު ސަބަބެއް ކަމަށް ސަރުކާރުން ބުުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒްކޮށް ވެރިކަން ވައްޓާލުމަށް އަރީފް މަސައްކަތްކުރައްވާފައިވާކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒްކުރުމަށް މަސައްކަތްކުރެއްވުމަކީ ކުށެއްކަމަށްވާނަމަ، އަރީފް އެ ވަނީ އެ ކުށްކުރައްވާފަ ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ސުވާލަކީ، ފެބްރުއަރީ އެެއް ވަނަ ދުވަހުގެ ރޭގެ އަމުރު ތަންފީޒްކުރެއްވުމަށް އަރީފާއެކުގައި މަސައްކަތްކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ ހައްޔަރުކޮށް ދައުވާ ނުކުރަނީ ކީއްވެތޯ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ އަރީފާ ދެކޮޅަށް ބައެއް ފުލުހުންދީފައިވާ ސިއްރު ބަޔާންތައް ލީކްކޮށްލާފައި ވާއިރު، ސައުދީ ދެއްވި ބަޔާނުގައިވެސް އަދި ބައެއް ފުލުހުން ދެއްވި ބަޔާނުގައިވެސް ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރެއްވުމަށް ސައުދީ ބާރުއަޅުއްވާފައިވާކަން އެނގެ އެވެ. އަދި އެކަން ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި މަސައްކަތްކުރާ އަލީ ޝާޛްލީގެެ ސިއްރު ބަޔާނުންވެސް އެނގެ އެވެ.
ފުލުހުންގެ ތަހުޤީޤަށް ޝާޛްލީ ދީފައިިވާ ސިއްރު ބަޔާނުގައިި ބުުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އަމުރު ނެރުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ފުލުހުންގެ އިދާރާއަށް ވަޑައިގެންފައިވެއެވެ. ފުލުުހުންގެ އިދާރާއަށް ވަޑައިގެން ފުލުހުންގެ އިސްވެރިންގެ މަޝްވަރާއާއި، ލަފާ އެކަމުގައި ހޯދުމަށް މަސައްކަތްކުރައްވާފައިވެއެވެ. އެގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާއި މަޝްވަރާކޮށް، ހިޔާލު ހޯދާފައިވާކަން ޝާޛްލީގެ ބަޔާނުން އެނގެ އެވެ.
ސިއްރު ބަޔާނުގައި ޕޮލިސް ސްޓާފް އޮފިސަރ ފޯ ކޮމިޝަނަރ އޮފް ޕޮލިސް ޝާޛްލީ ބުނެފައިވާގޮތުގައި ކޮމިޝަނަރގެ އޮފީހަށް، ސައުދީ ވެންނެވުމާއެކުގައި ސުޕްރީމް ކޯޓުގެ އަމުރެއް އެބަ އޮތްކަމާއި، އެ އަމުރާއިމެދު ގޮތެއް ނިންމަންޖެހޭކަމަށް ވިދާޅުވެ، އަރީފް ސުވާލުކުރައްވާފައިވެއެވެ. އަރީފް އެގޮތަށް ސުވާލުކުރެއްވުމުން ތިޔައީ ސުޕްރީމް ކޯޓުގެ އަމުރެއް ކަމަށާއި، އަމުރު ތަންފީޒްކުރަންޖެހޭނެ ކަމަށް ސައުދީ ވިދާޅުވި ކަމަށާއި، އަމުރަކީ ކޮންކަހަލަ އަމުރެއްތޯ ބަލާނީ ސްޓޭޓުން ނުވަތަ ދައުލަތުން ކަމަށާއި، އެއީ ފުލުހުންގެ ކަމެއް ނޫންކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރަށް ފުލުހުން ފުރިހަމައަށް ތަބާވާންޖެހޭނެކަމަށްވެސް ސައުދީ ވިދާޅުވި އަޑު އިވުނުކަމަށް ޝާޛްލީގެ ސިއްރު ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ ހިސާބުންވެސް، އަރީފް ނިންމެވުންތައް އެ ވަގުތު ނިންމެވީ، ފުލުހުންގެ އިސްވެރިނާ ވާހަކަ ދެއްކުމަށްފަހުގައި ކަން އެނގެ އެވެ. އެ އަމުރު ތަންފީޒްކުރުމާއި ގުޅޭ ގޮތުން ސައުދީގެ ލަފަޔާއި، މަޝްވަރާ ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ހޯދަވާފައިވާކަންވެސް އެނގެ އެވެ.

ދެން އޮތީ ޑިފެންސް މިނިސްޓްރީގެ ހެޑްކުއާޓަރަށް އަރީފް ވަޑައިނުގެންނެވިކަމަށް ބުނާ ވާހަކަ އެވެ. އެކަން ތަފްސީލްކޮށްދެމުން ޕޮލިސް ސްޓާފް އޮފިސަރ ފޯ ކޮމިޝަނަރ އޮފް ޕޮލިސް ޝާޛްލީގެ ސިއްރު ބަޔާނުގައި ބުނެފައިވާގޮތުގައި، އަރީފް، ޑިފެންސް މިނިސްޓްރީއަށް ވަޑައިނުގެންނެވުުމަށްވެސް ލަފާދެއްވާފައިވަނީ ސައުދީ އެވެ. އެގޮތުން ޝާޛްލީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަމުރު ނެރުނުތާ ކުޑައިރުކޮޅެއް ފަހުން ޑިފެންސް މިނިސްޓަރު ސެކްރެޓަރީ ގުޅުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބޭނުންވެގެން ޑިފެންސް މިނިސްޓްރީއަށް ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ވަރަށް އަވަހަށް ޔުނީފޯމާއެކު ވަޑައިގެންނެވުމަށް ދެންނެވި އެވެ.
އެ ވާހަކަ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ ސައުދީއަށް ދެންނެވުމުން މިވަގުތު ޔުނީފޯމް ލައިގެން ނުދެވޭނެ ކަމަށް ސައުދީ ވިދާޅުވިކަމަށް ވެސް ޝާޛްލީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެ ވަގުތުކޮޅެއް ފަހުން ދެ ވަނަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީ ގުޅިކަމަށާއި، މިހާރުން މިހާރަށް ބަނޑޭރިކޮއްޓަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ސެކްރެޓަރީ ބުނިކަމަށެވެ. އަނެއްކާވެސް އެ ވާހަކަ އަރީފަށް ދެންނެވުމުން، ކިހިނެއްތޯ ހަދަންވީ ސައުދީ ގާތުގައި އަރީފް ސުވާލުކުރިކަމަށާއި، އެހެން ސުވާލުކުރުމުން މިވަގުތުގައި އެންމެ މަސްލަހަތު ރަނގަޅުވާނީ ނުދިއުން ކަމަށް ސައުދީ ވިދާޅުވި އަޑުު އިވުނުކަމަށް ވެސް ޝާޛްލީގެ ސިއްރު ބަޔާނުގައި ބުނެފައިވއެވެ.
އެހެން ކަމުން ޑިފެންސް މިނިސްޓްރީއަށްވެސް ވަޑައިނުގެން އަރީފް ހުންނެވީ ސައުދީގެ ލަފަޔަށްކަން އެނގެ އެވެ. އޭގެ އިިތުރުން ލީކުވެފައިވާ ސިއްރު ބަޔާންތަކަށް ބަލާއިރު، އަރީފް ނިންމުމެއް ނިންމުމުގެ ކުރިން ފުލުހުންގެ އެކި އިސްވެރިންނާއި ވާހަކަދައްކަވާފައިވާކަމާއި، ލީގަލް ބައެއް އޮފިސަރުންނާއިވެސް ވާހހަކަދައްކަވާފައިވާކަން އެނގެ އެވެ.

މުޅި މުއާމަލާތަށް ބަލާއިރު، އަމުރު ތަންފީޒްކުރުމަށް އަރީފް މަސައްކަތްކުރެއްވީ ސައުދީގެ ލަފަޔާވެސް އެކުގައިކަން އެނގޭއިރު، އަރީފްގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ސައުދީވެސް ހައްޔަރުނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެ އެވެ. ލީކްވެ، ހާމަވެފައިވާ އެއްޗަށް ބަލާއިރު، ސުޕްރީމް ކޯޓުގެެ އަމުރެއް ތަންފީޒްކުރުން އެއީ ކުށަކަށްވާނަމަ، އެކަން ކުރެއްވުމުގައި ސައުދީގެވެސް ބައިވެރިވުމެއް އެބައޮތެވެ.
ކޮންމެއަކަސް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެންމެންގެ މައްޗަށް އެއް ހަމައަކުން ކަންތައްކޮށް، އިންސާފު ހޯދައިދެއްވާކަމުންގެ މެޑަލް ވަރަށް ގިނައިންޖައްސަވާ ބޭފުޅެކެވެ. އެހެންކަމުން މިކަމުގައިވެސް އެންމެންގެ މައްޗަށް އެއް ހަމައަކުން ކަންތައް ކުރަންޖެހެ އެވެ. އެހެން ނޫންކަމުގައިވާނަމަ، އަރީފް މައްޗަށް ހިންގާ ޝަރީއަތަކީ ޒާތީ ހަސަދައެއްގެ މައްޗަށް ބިނާކޮށް ހިންގާ، އިންސާފެއް ނެތް ޝަރީއަތެއްކަން އެ އޮތީ ވަރަށް ބޮޑަށްވެސް ސާފުކޮށް ފެންނާށެވެ.