ކ. މާލެ
|
4 މެއި 2018 | ހުކުރު 18:56
ރައީސް މައުމޫން ކޯޓަށް ގެންދިޔުމަށް ދޫނިދޫއިން މާލެއަށް ގެންނަނީ
ރައީސް މައުމޫން ކޯޓަށް ގެންދިޔުމަށް ދޫނިދޫއިން މާލެއަށް ގެންނަނީ
މުހައްމަދު ޝަރުހާން
ރައީސް މައުމޫން ހައްޔަރުކުރުން
ކޮންމެ ވަގުތެއްގައިވެސް ރައީސް މައުމޫންގެ ޙާލުކޮޅު ސީރިއަސް ވެދާނެ!
ރައީސް މައުމޫނަށް ކުރިމަވެފައިވާ ސިއްހީ މައްސަލައަކީ ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ
ވެއްޓިވަޑައިގަތުމުގެ ބިރު ބޮޑު
އަރިހުގައި އަބަދުވެސް މީހަކު ހުރުމަށް ޑޮކްޓަރު ލަފާދެއްވާ

ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނުގެ ހާލުކޮޅު ކޮންމެފަދަ ގަޑިއެއްގައިވެސް އިތުރަށް ގޯސް ވެދާނެތީ އާއިލާއިންނާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. 

ސިއްޙީ ހާލުކޮޅު ދެރަވެފައިވާތީ، ގޭބަންދަށް ބަދަލުކޮށްދިނުމަށް ރައީސް މައުމޫން ކޯޓުގައި އެދިވަޑައިގަތުމުން، ކޯޓުން އެކަން ކޮށްނުދޭނެކަމަށް ބުނެފައިވާއިރު، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމުގެ ބާރު ކޯޓުތަކަށް ނޯންނާނެކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދީފާނެތީ، ކޯޓުތަކަށް ބިރު ދެއްކުމަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. 

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ދަށަށް ގޮސް، މިމަހުގެ 2 ވަނަ ދުވަހުވެސް އެމަނިކުފާނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވިކަމަށް ވަކީލުން ފާހަގަކުރެއެވެ. 

ރައީސް މައުމޫންގެ އެއް ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މިމަހުގެ 2ވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ސިއްހީ ހާލަތު ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިކަމަށެވެ. އަދި އެދުވަހު ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާއި ގުޅިގެން ވެއްޓިވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށާއި، އަދި އަރިހުގައި އަބަދުވެސް މީހަކު ހުރުމަށް އީއެންޓީ ސްޕެޝަލިސްޓް ވިދާޅުވިކަަމަށާއި، ރައީސް މައުމޫން ގެއަށް ބަދަލުކުރަން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ. 

ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ. 

ޑޮކްޓަރު ވިދާޅުވީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް އަނބުރައިގަންނަކަމަށާއި، ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ. 

ބީޕީޕީވީ ހުންނަ މީހުންގެ ކައިރީގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއެވެ. ބީޕީޕީވީ އަކީ ކަންފަތުގެ އެތެރޭގައި ހުންނަ ބައިތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މީހާގެ ބެލެންސް ގެއްލި، ވެއްޓެން މެދުވެރިވާ ބައްޔެކެވެ. އަދި ވަކިގޮތަކަށް ބޮލުގެ ޙަރަކާތް ބެހެއްޓޭ ގޮތަކުން ބޮލަށް އެނބުރުން އަރައި، ވެއްޓެން ދިމާވެއެވެ. މިބައްޔަކީ ސީދާ ފުރާނައަށް ނުރައްކާވާ ބަައްޔެއް ނޫންނަމަވެސް، ކުއްލިއަކަށް ވެއްޓޭ ގޮތަކުން ބިންމަތީގައި ބޯ ޖެހި، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.

މިބައްޔަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. 

ރައީސް މައުމޫންގެ އާއިލާއިން ބުނީ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔުމުގެ ކުރިން އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އެމަނިކުފާނުގެ އާއިލާއިން އެމަނިކުފާނަށް އެހީތެރިވާކަމަށެވެ. ރައީސް މައުމޫނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ދިނުމަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އާއިލާއާއި، އާއްމުންގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

ރިޝްވަތުގެ މައްސަލައެއްގައި ހައްޔަރުކޮށް، ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމާއި އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް