ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފަށް އެޑްރެސްކޮށް، އިމްތިޔާޒް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ފުލުހުންގެ އެދުމުގެމަތިން 22 އޭޕްރީލްގައި އޭނާގެ ޕާސްޕޯޓް އަނެއްކާވެސް ހިފެހެއްޓުމަށް އަމުރެއް ނެރުއްވާފައިވާކަމުގެ މައުލޫމަތު ލިބިފައިވާކަމަށެވެ. ނަމަވެސް ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އެ އަމުރުގެ ކޮޕީއެއް ދީފައި ނުވާކަމަށާއި، އެހެންކަމުން 22 އޭޕްރީލްގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރެއް ނެރުއްވާފައިވާނަމަ އަމުރުގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދޭކަމަށް އެ ސިޓީގައި އިމްތިޔާޒް ވިދާޅުވެފައިވެއެވެ.
އިމްތިޔާޒް ފަހުމީއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ލެޓާ ހެޑްގައި ފޮނުވާފައިވާ އެ ސިޓީ އިމްތިޔާޒް ވަނީ ޓުވީޓްކުރައްވާފަ އެވެ. ޓުވީޓްގައި އޭނާ ވިދާޅުވެފައިވަނީ ލެޓާހެޑްގައި ލިޔެފައިވާތީކަމަށް ބުނެ ކްރިމިނަލް ކޯޓުން ސިޓީ ބަލައިގެންފައިނުވާކަމަށެވެ. އަދި އެއީ 21 ވަނަ ގަރުނުގައި އުޅޭ ބައެއްތޯ އިމްތިޔާޒް ވަނީ ސުވާލުކުރައްވާފަ އެވެ.
Letterhead gai sitee liyefaivaathee kamah bune, Criminal Court ah miadhu alhugandu fonuvi sitee balai nugaiy! 21 vana garunugai ulhey baeh ba miee?! @judiciarymv @hrcmv pic.twitter.com/evg4MsVjxJ
— Imthiyaz Fahmy (@Imthiyazfahmy) May 3, 2018
އިމްތިޔާޒްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ އިންތިގެ ޕާސްޕޯޓް އެފަހަރު ހިފަހައްޓާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރަކާއެކުގަ އެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުގައި އިންތިގެ ޕާސްޕޯޓް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަހުޤީޤްއަށްކަމަށް ބުނެ އިންތި ވަނީ އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށްފަ އެވެ.