ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 19:22
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ނޫސްވެރިކަން
ދިވެހި ނޫސްވެރިކަންވަނީ ކުރިމަގަށް ނަޒަރު ސީދާކުރަން ޖެހިފައި: މީޑިއާ ކައުންސިލް
 
މިދުވަހަކީ މީޑިޔާތަކާއި ނޫސްވެރިންގެ ސާބިތުކަމާއި ޢަޒުމު ނަގަހައްޓައިދޭ ބާރެއް ކަމުގައި ވުމަށް އެދެން
 
ޤާނޫނާ ޤަވާއިދު ތަންދޭ އެންމެ ފުޅާމިނުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރެއްވުމަށް ދިވެހި ނޫސްވެރިންނަށް ދަންނަވަން
 
މިއަހަރަކީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭ އަހަރު

ދިވެހި ނޫސްވެރިކަންވަނީ ކުރިމަގަށް ނަޒަރު ސީދާކުރަން ޖެހިފައި ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ޢަބްދުލް މުއީދު ހަސަން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މީޑިއާ ކައުންސިލްގެ ރައީސް މުއީދު ވިދާޅުވީ މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ 25 ވަނަ އިހްތިފާލް ފާހަގަކުރެވޭއިރު ހަމަ މިއަހަރު ދިވެހި ނޫސްވެރިކަމަށް 75 އަހަރު އެބަ ފުރޭ ކަމަށެވެ. އެހެންކަމުން ފާއިތުވެގެންދިޔަ 75 އަހަރުގެ މުއްދަތުގެ ތެރޭގައި ޙާސިލްވި މަތިވަރުތައް ފަސްދީ، މިއަދު މިވަނީ ކުރިމަގަށް ނަޒަރު ސީދާކުރަން ޖެހިފައި ކަމަށެވެ. އާ އުސްމިންތަކަކަށް ދިވެހި މީޑިއާ މިސްރާބު ޖެހުމަށް ޓަކައި ކަމަށާއި މީޑިއާއާއި ނޫސްވެރިންގެ ޙިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށް މުއީދު ވިދާޅުވެފައިވެއެވެ.

މުއީދު ވިދާޅުވީ މިމަތިވެރި އަމާޒަށް ދިވެހި ނޫސްވެރިން ގެންދެވުމަށްޓަކައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ކަމަށެވެ.

ދިވެހިރާއްޖޭގެ މީޑިޔާ ކައުންސިލްގެ މި ދައުރު ފެށުނުއިރު، ވުޖޫދަށް އަލަށް އައިސްފައިވާ ޤާނޫނީ ހަމަތަކުގެމަތިން ނޫސްވެރިކަމުގެ ވެށި އަމާން ކުރުމަށްޓަކައި، މީޑިޔާ ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވާ ކަމަށް މުއީދު ވިދާޅުވިއެވެ. އެއީ ޤާނޫނަކީ ނޫސްވެރިންގެ މަސައްކަތައްހުރި ހުރަހެއް ކަމުގެ އިހްސާސް ފިލުވައިދީ، ޤާނޫނަކީ ނޫސްވެރިންގެ މަސައްކަތައް އާރާއި ބާރު ލިއްބައިދޭ ސަނަދެއް ކަމުގައި ހެދުމަށްޓަކައި ކަމަށެވެ. ޤާނޫނާ ޤަވާއިދު ތަންދޭ އެންމެ ފުޅާމިނުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރެއްވުމަށް ދިވެހި ނޫސްވެރިންނަށް ދަންނަވާކަމަށްވެސް މުއީދު ވަނީ ވިދަޅުވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި މީޑިޔާ ތަކަށާއި ނޫސްވެރިންނަށް އަރިސް ކުރަމުން މުއީދު ވިދަޅުވެފައިވަނީ ޤާނޫން ތަންދޭ އެންމެ ތަނަވަސް އިމުގެ ތެރޭގައި މިނިވަންކަމާއެކު ދިވެހި ނޫސްވެރިންނަސް މަސައްކަތް ކުރެވޭނޭ މަގު ފަހިވުމަށާއި މިދުވަހަކީ މީޑިޔާތަކާއި ނޫސްވެރިންގެ ސާބިތުކަމާއި ޢަޒުމު ނަގަހައްޓައިދޭ ބާރެއް ކަމުގައި ވުމަށް އެދޭކަމަށްވެސް މީޑިޔާ ކައުންސިލްގެ ރައީސް ވަނީ ވިދަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް