އެކެއް ފެބުރުއަރީގެ ހުކުމަށްފަހު ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި، އެމަނިކުފަނު އެ އަނިޔާއިން ސަލާމަތް ކުރަން ދިވެހި ރައްޔިތުން ނުކުތުމަށް ގުޅިފައިވާ ސިޔާސީ ޕަޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ، ރައީސް މައުމޫނު ޖަލުގައި މަރާއި ހަނގުރާމަ ކުރަމުންދާ ކަމަށާއި، އެކަން ބަލަން ދިވެހި ރައްޔިތުން ނުތިބެ އެމަނިކުފާނު ސަލާމަތް ކޮށްދެއްވުމަށް އެދޭކަމަށެވެ.
"ރައީސް މައުމޫނަކީ ޓެރެރިސްޓެއް ނޫން.ް އެމަނިކުފަނު މިނިވަންކޮށް އާއިލާއާއި އަވަހަށް ހާވަލުކޮށް ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން،" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ކޮންމެ ވަގުތަކުވެސް ރައީސް މައުމޫނަށް ކުއްލި ސިއްހީ ނުރައްލެއް ކުރިމަތި ވެދާނޭކަމަށާއި، އެކަނި ޖަލުގައި ނުބާއްވާ އަބަދުމެ އެމަނިކުފާނުގެ އަރިހުގައި މީހަކު ބަހައްޓަން ޖެހޭނޭކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ ލީކުވި ބަޔާންތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ޖުޑީޝަރީއަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ބަޔާންތަކަކީ ސައްޙަ ބަޔާންތަކަކަށް ވާއިރު، އެފަދަ ދޮގު ހެކިބަސް ދިން ފަނޑިޔާރުންނާއި ފުލުހުންނާއި އެހެނިހެން މީހުންނަށް އަދަބުދީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން އެމައްސަލަތައް ބެލުމަަށް ގޮވާލެއްވިއެވެ. އަދި މިއަދު އެކަމުން ހާމަވި ކަމަކީ، ކޯޓުތަކުގެ ފަނޑިޔާރުންނަށް އާދަޔާ ޚިލާފް ނުފޫޒު ފޯރާފައިވާކަން ކަމަށާއި، އެހެންކަމުން އެ ފަރާތްތަކުން ކުރާ ހުކުމްތައް ސައްޙަވާނެ ކަމާމެދު ސުވާލު އުފެދޭކަމަށް ސައުދު ވިދާޅުވިއެވެ.
ކަން މިހެން އޮތް އިރު ކުރިން ސިޔާސީ ފަރާތްތައް ޖަލަށް ލުމަށް ހިންގި ޝަރީއަތްތަކާއި ކޮށްފައިވާ ހުކުމްތައް ސައްޙަވާނެކަމަށް ނުފެންނާތީ ވިހާވެސް އަވަހަށް އެ ހުކުމްތަައް ރިވިއުކޮށް، ސިޔާސީ ހުރިހާ ފަރާތްތައް ޖަލުން މިނިވަން ކުރުމަށް ގުޅިފައިވާ ޕާޓީަތކުން ގޮވާލިއެވެ.
ސއުދު ވިދާޅުވީ ގުޅިފައިވަ ޕާޓީތަކުން ކުރާ އަދި ކޮށްފައިވާ މަސައްކަތްތަކަކީ އިޚްލާސްތެރި މަސައްކަތްތަކެއް ކަމަށާއި، ސަރުކާރުން ހިންގާފައިވާ ނުބައި ރޭވުން ތައް މިއަދު ފަޅާއަރަމުންދާކަމަށެވެ. އަދި މި ސަރުކާރު މިހާރުން މިހާރަށް ގަނޫނީ އިމުގެ ތެރެއަށްވެއްދުމަށް ސަލާމަތީ ބާރުތަކަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދު ގޮވާލެއްވިއެެވެ.