ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މި ދެ ރަށުގައި ވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. އެގޮތުން މި ހަފްލާގައިވަނީ ލަކީ ޑްރޯއެއް ބާއްވާ، ގުރުއަތުން ހޮވުނު އެއް ފަރާތަކަށް 55 އިންޗީގެ ޓީވީ އަކާއި އަދި 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދީފައެވެ. މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ވަނީ ދީފައެވެ.
މި ދެ ހިދުމަތް ތައާރަފް ކޮށްދިނުމުގެ ގޮތުން މި ދެ ރަށުގައި ވަނީ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ގާއިމުކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.
ދިރާގުޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއް ނުކުރާނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.
ފައިބަރ ބްރޯޑް ބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރު ކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރު ކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.
ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރު ކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.
ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް ގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްގެ ދަށުން، މީގެ 2 ހަފުތާކުރިން ގދ. ތިނަދޫގައި ވެސް މި ހިދުމަތް ވަނީ ތައާރަފު ކޮށްފައެވެ.