ކ. މާލެ
|
2 މެއި 2018 | ބުދަ 11:34
ކްރިމިނަލް ކޯޓު: ބަޔާންތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއް ވެސް ހިމެނޭ
ކްރިމިނަލް ކޯޓު: ބަޔާންތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއް ވެސް ހިމެނޭ
ރާއްޖެއެމްވީ
ފެބްރުއަރީ އެކެއްގެ ހުކުމް
ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ދީފައިވާ ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ލީކްވެއްޖެ
ފުލުހުންގެ ބައެއް އިސް އޮފިސަރުން ދެއްވާފައިވާ ކަމަށް ބުނާ ބަޔާންތައް ވެސް ހިމެނޭ
އެ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް އެ ބަޔާންތަކުގައިވޭ
މިއީ ސައްހަ ބަޔާންތަކެއް ކަން ކަށަވަރެއް ނުވޭ

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރި އިރު އެކި ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެއެވެ. 

"ސިއްރު" ޖަހާފައިވާ ބަޔާންތައް ރޭގެ ވަގުތެއްގައި ޓްވިޓާގައި ދައުރުވަމުން ގޮސްފައިވާ އިރު މި ބަޔާންތަކުގެ ސައްހަކަމާ މެދު މިހާތަނަށް ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ. 

ލީކްވެފައިވާ ލިޔުންތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންނާއި ބައެއް އާންމުންގެ ބަޔާންތައް ކަމަށް ބުނާ ލިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ހައްޔަރުކޮށްފައިވާ އެސްއޯގެ ކުރީގެ ބައެއް ފުލުހުންނާ ދެކޮޅަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި ޕޮލިސް ސާޖެންޓް މުހައްމަދު ޝާހީން އާއި ޗީފް އިންސްޕެކްޓާ މުހައްމަދު ނިޔާޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓްގެ ދަށުން ހިންގަމުންދާ ޝިއަރާ ސްކޮޑްގައި މަސައްކަތްކުރާ ޕޮލިސް ސާޖަންޓް މުހައްމަދު އާސިފް ދީފައިވާ ކަމަށް ބުނާ ބަޔާންތަކެއް ހިމެނެއެވެ.

 

 

މީގެ އިތުރުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ގާނޫނީ ސަރުކާރު ޣައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އާންމުންގެ މީހަކު ދީފައިވާ ބަޔާނަކާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ. 

 

 

ލީކްވެފައިވާ ބަޔާންތަކުގައި ފެބްރުއަރީ 1 ވަނަ ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތާއި އެ ހުކުމާ ގުޅިގެން ކަންކަން ވެގެންދިޔަ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހުއްޓެވެ. މީގެ އިތުރުން އިންޓެލް ރިޕޯޓެއް ކަމަށް ބުނާ ލިޔުމެއް ވެސް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައި ވެއެވެ.

 

ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ޖުޑީޝަލް އެޑިމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި  ގާސިމް އިބްރާހީމްގެ ދަރިކަނލުން ސިޔާދު ގާސިމާއި އެސްއޯގައި ކުރިން މަސައްކަތްކުރި އަށް ފުލުހަކު ހައްޔަރުކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް