އައްޑޫ ސިޓީގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އޮފީހުން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިރުދެކުނުން ގާތްގަޑަކަށް 3،000 ކިލޯމީޓަރުގެ ދުރުގައި "ފްލެމްބޯޔަން" ނަމަކަށް ކިޔާ ތޫފާނެ އުފެދިފައިވާ ކަމަށެވެ. އެ ތޫފާނުގެ ސަބަބުން އެ ސަރަހައްދުގައި ބާނި ބޮޑުވެ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އޭގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށް މެޓް އޮފީހުން ބުންޏެވެ.
އެހެންކަމުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް އެދޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
ބުދަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 3:11 ގައެވެ. ބުރާސްފަތި ދުވަހު ރޭ، މެންދަމު 3:03ގައި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:40ގައި ވެސް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވއެވެ.
ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ އޭޕްރީލް މަހު 22 ވަނަ ދުވަހު ވެސް ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރައި ގެއްލުންތަކެއްވެފައިވެއެވެ. އެގޮތުން ފުވައްމުލަކު ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއްވެފައިވެއެވެ.