ކ. މާލެ
|
2 މެއި 2018 | ބުދަ 01:32
ގުޅިފައިވާ ޕާޓީތަކުން ބޭއްވި މަސައްކަތްތެރިންގެ އޯޕަން ފޯރަމްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި މަސައްކަތްތެރިންގެ އޯޕަން ފޯރަމްގެ ތެރެއިން
މުހައްމަދު ޝަރުހާން
މަސައްކަތްތެރިންގެ ފޯރަމް
ދިވެހި މަސައްކަތްތެރިންގެ ކަންބޮޑުވުން ހާމަކުރުމަށް އޯޕަން ފޯރަމެއް ބާއްވައިފި
މަސައްކަތްތެރިންގެ ކަންބޮޑުވުން ފާޅުކުރުމުން ލިބުނީ ގެއްލުން
ތައުލީމީ ދާއިރާއަށްވެސް ވަނީ ސިޔާސީ ކަންކަން ވަދެފައި

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން ދިވެހި މަސައްކަތްތެރިންގެ ކަންބޮޑުވުން ހާމަ ކުރުމަށް އޯޕަން ފޯރަމެއް ބާއްވައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިސްނަގައިގެން ބޭއްވި މިފޯރަމް އޮތީ މޫކައި ހޮޓެލްގައި އަންގާރަ ދުވަހުގެރޭ 9:30 ން 11:00 އަށެވެ. މި ފޯރަމްގައި ތަފާތު މަސައްކަތްތަކުގެ ދާއިރާތަކުގައި ހަރަކާތްތެރިވާ އަދި އެފަދަ ދާއިރާތަކުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ހުޅުވާލެވިފައިވާ ގޮތަކަށް އެފަރާތްތަކުން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެދާއިރާތަކުގެ ކަންބޮޑުވުންތައް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކޮށްފައެވެ. ފޯރަމް ފައްޓަވަމުން އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސައިން އަމްރު ވިދާޅުވީ ފޯރަމްގައި ހުރިހާ ދާއިރާތަކެއްގެ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ނުހައްޤުން ވަކިކޮށްފައިވާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

"އެފަރާތްތަކުގެ ވަރަށް ގިނަ ކޮންސަރންތައް މި ފޯރަމްގައި ހިއްސާ ކުރެވިގެން ދާނެ" އަމުރު ވިދާޅުވިއެވެ.

ފޯރަމްގައި ބައިވެރިން ފާހަގަ ކުރި ގޮތުގައި މޭޑޭއަކީ މަސައްކަތްތެރިން އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރާ ދުވަހެއް ނަމަވެސް ރާއްޖެ ފެންނަނީ އެކަން ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވެގެންދާ ތަނެއްގެ ގޮތުގައި ކަމަށެވެ.

ފޯރަމްގެ ބައިވެރިން ފާޅުކުރި ޝުއޫރު ތަކުގެ ތެރޭގައި މަސްވެރިން ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބުމާއި މަސްބާނާ ދުވަސްވަރު މަސްކޮޅު ކިރޭނޭގޮތް ނެތުމުގެ އިތުރުން އައިސް ނުލިބުންފަދަ ކަންކަން ހިމެނެއެވެ.

ބިދޭސީން ގެނެސް ލައްވައި ކުޑަ މުސާރައަކަށް އަޅުންގެ ގޮތުގައި މަސައްކަތް ކުރުމާއި ހުއްދަނެތި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްސަލަ ބޮޑުވެފައިވާކަމަށް ބައެއް ބައިވެރިން ފާހަގަ ކުރިއެވެ.

ތައުލީމީ ދާއިރާއިން ކަންބޮޑުވުންތަކެއްވެސް އެބަހުރި ކަމަށާއި އެންމެބޮޑު މައްސަލައަކީ ތައުލީމީ ދާއިރާއަށް ސިޔާސީ ކަންކަން ވަދެފައިވުން ކަންވެސް މި ފޯރަމްގެ ބައެއް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް