ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނަން ފެންނަ 7 ކަމެއް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.
އެ ހަތް ހުށަހެޅުން ތައްޔާރުކޮށްފައި ވަނީ އަދާލަތު ޕާޓީގެ "އަށާރަ ނަވަރާ އެޑްވައިޒަރީ ކޮމެޓީ"ންނެވެ. ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީއަކީ ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ "އަށާރަ ނަވާރަ" ކޮމެޓީއަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމެޓީއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުން ހުށަހަޅާފައިވާ ހަތް ހުށަހެޅުމުގައި ހިމެނެނީ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށާއި، އަދަލު އިންސާފު ގާއިމު ކުރުމަށާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށާއި ކޮރަޕްޝަން ހުއްޓުވައި އިގްތިސާދީ ގޮތުން ފުރުދުންތެރިކަން އިތުރު ކުރުމަށާއި، ހާރިޖީ ދާއިރާގައި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމެވެ.
އެ ހުށަހެޅުންތަކުގައި ބުނެފައިވާ ގޮތުން އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި ދީނުގެ ސައްހަ އަގީދާ ދަމަހައްޓަން ޖެހޭނެ ކަަމަށެވެ. އަދި ސިޔާސީ ގޮތުން ބެލުމެއް ނެތި ކޮންމެ ފަރުދަކަށް ވެސް އިންސާފު ލިބޭނެކަން ކަށަވަރު ކުރަންވާނެ ކަމަށާއި ސަލާމަތީ ހިދުމަތްތަކާއި މުއައްސަސާތަކުން މަސައްކަތް ކުރަނީ މަސްލަހަތަށްތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ހުށަހެޅުންތަކުގައި ބުނެފައިވެއެވެ. އަދި އަތޮޅު ތެރޭގެ މާލީ ފުދުންތެރިކަން އިތުރު ކުރުމާއި ގޮތް ނިންމުމުގެ ހަގީގީ ބާރު ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށާއި ނަހަމަގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވަންޖެހޭނެ ކަމަށް ވެސް އަދާލަތުގެ ހުށަހެޅުންތަކުގައިވެއެވެ. އޭގެ އިތުރުން ލިބޭ އާމްދަނި ދެކޮޅު ޖެއްސުމާއި ގައުމުގެ މުއްސަނދިކަން ހަމަހަމައަށް ބެހިގެންދާނެ އިގްތިސާދެއް ބިނާކުރުމުގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހައަށް އިސްކަންދޭން ޖެހޭނެ ކަމަށް އަދާލަތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.