ސާފުތާހިރުކަން ކުޑަވެގެން، ރަށް ދެބައި މަގުގައި ހުންނަ "ރަށްދެބައި ކެފޭ" ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަންދުކޮށްފި އެވެ.
ކެފޭ ބަންދު ކުރުމަށްފަހު، އެޗްޕީއޭއިން ވަނީ އެތަނުގައި ނޯޓިސް ހަރުކޮށްފައެވެ. އެ ނޯޓިހުގައި ބުނެފައިވާ ގޮތުން އެތަން ބަންދުކުރީ ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރުމަށް ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދާ "ރަށްދެބައި ކެފޭ" ހިލާފުވެފައިވާ ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމާ ގުޅޭ ގޮތުން އެ ގަވާއިދުގައި ބުނެފައި ވަނީ އެފަދަ ތަނެއް ބަންދު ކުރަން ޖެހިއްޖެނަމަ، އެތަނެއްގެ ބޭރުގައި "ބަންދު ނޯޓިިސް" ހަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ބަންދު ކުރާ އެފަދަ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
އެފަދަ ތަނަކުން ފޯރުކޮށްދިން ކާނާއެއްގެ ސަބަބުން ކާނާ ވިހަވުން ނުވަތަ ކާނާ ވިހަވެއްޖެ ކަމަށް އެޗްޕީއޭއަށް ނުވަތަ އެ އޭޖެންސީން ކަނޑައަޅާ ފަރާތަކަށް ގަބޫލު ކުރެވިއްޖެނަމަ، އެތަނެއް ބަންދު ކުރެވިދާނެ ކަމަށް ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަން ބަޔާން ކުރާ ގަވާއިދުގައި ބުނެފައިވެއެވެ.