ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގޮތް އދ.ގެ ޕާރމަނަންޓް ރެޕްރެޒެންޓޭޓިވުންނާއި ރައީސް އަބުދުﷲ ޔާމީން ހިއްސާ ކުރައްވައިފި އެވެ.
އެކި ޤައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވީ ހޯމަދުވަހު ރައީސް އޮފީހުގައެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާ ބެހޭ މަޢުލޫމާތު ވަފްދުގެ ބޭފުޅުންނާ ރައީސް ޔާމީން ހިއްސާކުރައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގަތީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވި ނަމަވެސް ރާއްޖޭގައި ކާފިއު ހިންގާފައި ނުވާ ކަމަށާއި، އަދި އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބަހަކީ އެންމެ ފަހު ބަސްކަމަކަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ފެބްރުއަރީ 1 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ގެނައީ، ސިޔާސީ ހައްޔަރީންނާއި މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އަމުރު ތަންފީޒު ނުކުރުމަށެވެ. އެއީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް މި ސަރުކާރުން ސިފަކުރާއިރު، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރުގައި ސޮއިކުރެއްވެވި ތިން ފަނޑިޔާރުން އަދިވެސް ތިއްބެވީ ސުޕްރީމް ކޯޓުގަ އެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރި ނުވަނީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ 5 ގައި އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާތައް އުފުލައިފަ އެވެ.