ހައްޔަރުކޮށްފައި ތިބި ސިޔާސީ ފަރާތްތަކުގެ އަނބީންނާ, ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައްދަލުކުރައްވަފިފިއެވެ.
ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި ވަނިކޮށް، ސިޔާސީ ހައްޔަރީން ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ކުރި ހުކުމް ތަންފީޒުނުކޮށް، އިއުލާނުކުރި ކުއްލި ހާލަތުގެ ދަށުން ރައީސް މައުމޫން ވެސް ހައްޔަރުކޮށްފައިވާއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން، އެހެން ހައްޔަރީންގެ އަނބިންނާ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރެއްވީ އެ އާއިލާތަކަށް ހިތްވަރު ދެއްވުމަށެވެ.
އެކަމަނާއާއި އެކު އޮތް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ސިޔާސީ ލީޑަރުންގެ އަނބީން ވަނީ ނަސްރީނާއާއެކު ފޮޓޯ ނަގައި ޓްވީޓް ކުރައްވާ ނަސްރީނާގެ ހިތްވަރާއި އޯގާތެރިކަމަށް ތައުރީފު ކުރައްވާފައެވެ. މިހާރުވެސް ގޭބަންދުގައި ހުންނެވި އަހުމަދު މަޚްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރީނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވީތީ ނުހަނު އުފާވާ ކަަމަށެވެ. އަދި އެކަމަނާއަކީ ހިތްހެޔޮ އަދި އެހާމެ ހިތްވަރު ގަދަ ބޭކަނބަލެއްކަން ނަޒޫ ފާހަގަކުރެއްވިއެވެ.
Thank you Madam Nasreena for having us tonight. It was a pleasure meeting you. So kind and beautiful she is #freeraeesmaumoon#freeallpoliticalprisoners @yumna_maumoon @maryam_nashwa @MLmariyam @a_nadraa @Aishnadha @mashaAish @afaaf7878 @Reem_Mariyam @ShadhiyaAdam @shidhatha pic.twitter.com/nPPvkGhKGQ
— Nazu Naseem (@Nazunaseem) April 30, 2018
ނަސްރީނާއާއެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި ކުރީގެ ޕީޖީގެ މުހްތާޒު މުހްސިން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އިތުރުން ނަސްރީނާގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އާމިނަތު ނާދިރާގެ އިތުރުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Madam Nasreena ge dhauvathakah mireyge bahdhal vumuga Jumhooree party ge leader honourable Qasim Ibrahim ge 3 dharikan’balun baiverive vadai gathumakee bandhuga thibbevi beyfulhunge Aailaa thakah libunu v bodu hiyvareh.@qasimibrahim @IbrahimQasim @JPSecretariat @vaavu 300418 pic.twitter.com/KxY1TY8PLG
— MashaAishilham (@mashaAish) April 30, 2018
ސިޔާސީ މަގުސަތުގައި ޖަލަށް ލާފައިވާ ބޭފުޅުންގެ އަނބިއަނބިންގެ އިތުރުން، 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން ދަރިކަނބަލަކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި. ގާސިމް މިވަގުތު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.
It was a pleasure meeting madam Nasreena. A lady with a beautiful heart always a smile on her face. A true first lady. Despite the sorrows she has she stays strong and confident. We all are with you madam. Together we will win IA. pic.twitter.com/0smM0UkgVU
— Afaaf Abdul Majeed (@afaaf7878) April 30, 2018
މި ބައްދަލުކުރެއްވުމަށްފަހު އެފަރާތްތަކުން ބުނެފައިވަނީ، ޖަލުގައި ނަސްރީނާ އިބްރާހިމްގެ ފިރިކަލުން ރައީސް މައުމޫނު ހައްޔަރުކޮށްފައި ހުންނަވަނިކޮށްވެސް އެބޭފުޅުންނާއި އެކަމަނާ ބައްދަލުކޮށް ދެއްވި ހިތްވަރަކީ، އިސްލާހީ މަސައްކަތަށް ދޫނުދީ ކުރިއަށް ގެންދިއުމަށް ލިބުނު އިތުުރު ހިތްވަރެއްކަމަށެވެ.
މީޑިއާ ދުރު މަޑުމަތިރި ބޭކަނބަލެއްގެ ގޮތުގައި ފާހަގަ ކުރެއްވޭ ނަސްރީނާ، މައުމޫން ހައްޔަރުކޮށް ޖަލަށްލި ފަހުން ދޭތެރެ ދޭތެރެއިން މީޑިއާއަށް އިންޓަވިއު ދެއްވާފައިވެ އެވެ. މައުމޫން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކުރި ދުވަހު ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުންނަވާ އެކަމަނާ ވިދާޅުވީ ރައީސް މައުމޫނު ފެއްޓެވި އިސްލާހީ މަސައްކަތް އެކަނި ނަމަވެސް ހުއްޓާ ނުލާ ކުރިއަށް ގެންދަވާނެ ކަމަށާއި، ދާދި އަވަހަށް އިދިކޮޅު ފަރާތްތަކަށް ނަސްރު ލިބިގެންދާނެކަަމަށެވެ.